އަހާ ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކުން ނަގާފައިވާނެކަމަށެވެ. އަދި އެއީ މަގުމަތީ އަގުން ނަމަ 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާތަނަށް ޑްރަގު 24 ނެޓްވޯކެއް ހައްޔަރުކޮށްފައިވާކަމަށެވެ. އެ މައްސަލަތައް ބަލަމުން އަންނައިރު އޭގެތެރެއިން ތިން މައްސަލަ ނިންމާ އޮތީ ކޯޓުގައިކަން މިނިސްޓަރު އިހްސާން ވިދާޅުވި އެވެ. މީ 3.6 މިލިއަން ރުފިޔާއާއި 148،000 ވުރެ ގިނަ ޑޮލަރު އަތުލައިގެންފައިވާ މައްސަލަތައްކަމަށް އިހްސާން ވިދާޅުވި އެވެ.
ޑްރަގު ކެފޭތައް ބަންދުކުރަން ކުރަން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 17 ތަނެއް ބަންދުކޮށްފައިވާކަމަށް އިހްސާން ވިދާޅުވި އެވެ. އޭގެތެރޭގައި ހިމެނެނީ އައްޑޫއިން ބަންދުކުރި 4 ތަނަކާއި ފުވައްމުލަކު ސިޓީން ބަންދުކުރި ތަނަކާއި މާލެއިން ބަންދުކުރި 12 ތަންކަމަށްް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.