އީޝާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ކަށަވަރުކޮށްދިނެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައީސް މުއިއްޒުގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފައިވާ ކަމަށް ބުނެ އެވެ.
މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އެ ޑޮކިއުމެންޓްރީ މައްސަލާގައި އީޝާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ތަހުގީގު ކުރިއަށް ގެންދިޔައިރު ވާހަކަދައްކަން ފުލުހުން ފުރުސަތުދީފައިނުވާތީ އޭނާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
އެ ޑޮކިއުމެންޓަރީގެ މައްސަލައިގައި "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. ކްރިމިނަލް ކޯޓުގައި ބާއްވާ ސިއްރު ޝަރީއަތެއްގައި އެ މައްސަލައިގައި އަޑުއެހުންތައް މިހާރު ވެސް އެބަ ކުރިއަށްގެންދެ އެވެ.