ބަންޑާރަ ނައިބު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން އަހާ ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އެމީހާގެ ސުވާލަކަށް ވީ އާއިލާއާ ބެހޭ ގަވައިދު ބުނާގޮތުން ދަރިންނަށް ބަފައިން ހަރަދު ދޭން ޖެހޭނީ އެކުއްޖާ އުމުރުން 18 އަހަރު ވަންދެންކަމަށާއި އެހެންނަމަވެސް އެ އުމަރަށް ކުދިންދާއިރު އަދިވެސް އުޅެނީ ސްކޫލުގައި ކަން ފާހަގަކޮށް އެކަމަށް ގާނުނަކު ހައްލެެއް ގެންނަން ވިސްނަންތޯ އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ އާއިލާއާ ބެހޭ ގާނޫނަކީ ދުވަސްވެ މިހާރަށް ނުފެތޭ އައުޓް ޑޭޓް ގާނޫނެއްކަމަށެވެ. އެހެންކަމުން އެ ގާނޫނަށް އިސްލާހުތަކެއް މިއަދު ފެށޭ މަޖަލީހުގެ ދައުރަށް ހުށައަޅުއްވާނެކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އޭގެ އިތުރުން މުޅި ގާނޫ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ބަންޑާރަ ނައިބު އުޝާމް ވިދާޅުވި އެވެ. އެގޮތުން މުޅި އާ އާއިލާއާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން އުޝާމް ފާހަގަކުރެއްވި އެވެ. އަދި އެ ގާނޫނާއި އެކު ދަރިންނަށް ބަފައިން ހަރަދު ދިނުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެކަން ބަންޑާރަ ނައިބު އުޝާމް ފާހަގަކުރެއްވި އެވެ.
މިހާރު އަމަލުކުރަމުން އަންނަ އާއިލާއާ ބެހޭ ގާނުނަކީ 2000 ވަނަ އަހަރު އެކުލަވާލި ގާނޫނެކެވެ. އާއިލާއާ ބެހޭ ގަވައިދުގައިވާ ގޮތުން ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށ،ް އެއްކުއްޖަކު ހުރިނަމ،ަ މަހަކު 2,000 ރުފިޔ،ާ އަދި އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމ،ަ އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ބަފއިން ދޭންވާނެކަމަށް ވަނީ ބުނެ ފައެވެ.