ads
ދަރިފުޅު
ދަރިފުޅު - 59 ވަނަ ބައި
އެޕިސޯޑް 59
Advertisement

5 އަހަރު ފަސް

އިވޭ އަޑުތަކާއި ކިޔާފައިވާ މަދު ވާހަކަތަކުގައި ސިފަ ކޮށްދީފައިވާ ހަގީގަތްތައް އަހަރެންގެ ހަނދާނުގައި ދަތުރުކޮށްލި އެވެ. 

އެ މަންޒަރުތަކަށް ބުރަވާ ނަމަ މިއަދު އަހަންނަކީވެސް ކައިވެނީގެ ގުޅުމުގައި ދިގު އިންތިޒާރު ކުރާންޖެހިފައިވާނެ އަންހެނެކެވެ. އެކަނިވެރި ވަގުތުތަށް ގިނަވެ، ފިރިމީހާގެ ހަނދާންތައް އާކޮށް ހިޔާލުގެ ދުނިޔޭގައި ފީނާނެ މީހެކެވެ. 

އެތައް  ރެއެއްގެ ނިދިން މަހުރޫމުވެ، މޭޒުމަތީގައި އަތުރާފައި ހުންނަ ކާ ތަށިތަކަށް ބަލަން އޮވެ، ސޯފާގައި  މެންދަމުގެ ދެބައިކުޅަ އެއްބައި އިސްރާފު ކުރާނެ އަންހެނެކެވެ. 

އެކަމަކު އަހަރެންގެ ހަޔާތުން މި ދަތުރުގެ ރާސްތާގައި މަންޒިލަށް މި އާދެވުނީ ލިޔުންތެރިން ސިފަކޮށްފައިވާ 'ބަލިކަށި ކައިވެނީގެ ގުޅުމަކާ'އި ދިމާއަކަށް ނޫނެވެ. ކައިވެނި ކުރުމުގެ ކުރީގެ ދުވަސްތަކަށް ވުރެން އަހަރެންގެ ފިރިމީހާގެ ލޯބި، ކައިވެންޏަށްފަހު މާ ބާރުގަދަ އެވެ. 

ރެއާއި ދުވާލުގެ ބުރަ ވަގުތުތަކާއެކު އަހަރެންނާއި ކުދިންނަށް މާލިކް ހާއްސަކުރާ ކޮންމެ ސިކުންތެއް، އަހަރުމެންނަށް ރަނާއި ޖަވާހިރަށްވުރެން އަގު މައްޗެވެ. އޯގާތެރިކަމާއި އަޅާއިލުމާއި އަހަރުމެންގެ ހާއްސަކަން އިހްސާސްކޮށްދިނުމުގައި އަހަރެންގެ ފިރިމީހާއަކީ މުޅި ދުނިޔެއަށް މިސާލެކެވެ. އަހަރުމެން ދެމީހުންގެ ދެމެދު އުފެދިފައިވާ ލޯތްބަކީ ޒަމާންތަކަށް މިސާލެކެވެ. 

މާލިކްއަކީ ދުނިޔޭގެ އެތަން މިތަނުގައި މަސައްކަތްކުރާ ހުނަރުވެރި، މުރާލި ސީ އީ އޯ އެކެވެ. ކިތަންމެ ގިނަ ވަގުތު ގެއާއި ގައުމުން ބޭރުގައި ދުވަސްތަކާއި ވަގުތުތަށް ހޭދަކުރިއަސް އޭނާގެ ލޯތްބާއި އަމާނަތްތެރިކަމާއި ވަފާތެރިކަމަށް ޒައްރެއްގެ މިންވަރުވެސް ޝައްކެތް ކުރުމުގެ ހިޔާލެއްވެސް އަހަރެންގެ ހިތާއި ސިކުނޑީގައި ދައުރު ނުކުރެ އެވެ.

ކުދިން ލިބުމުން ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް އެއީ ކުށްހީއެކެވެ.

ލިބޭ ވަގުތުތަކުގައި 'ޑޭޓް'ތަކަށް ދިއުމާއި ފަތިސް ނަމާދަށްފަހު މާލިކްގެ 'ޖިމް' ވަގުތުތަށް ނިންމާލާފައި އަހަރެންނާއެކު ބަދިގޭގައި އުޅެ، ދެމީހުން އެކުގައި ސައި ތައްޔާރުކޮށް އޮފީހަށް ދިއުމުގެ ކުރިން ހޭދަކުރެވޭ 'ލޯބީގެ' ވަގުތުތަކަކީ ދެމީހުންގެ މުޅި ދުވަހުގެ ހަކަތަ އެވެ. 

ބުރަމަސައްކަތަށްފަހު ރޭގަނޑު ގެއަށް އައުމުން އަހަރެންގެ ފަރާތުން މާލިކްއަށް ހުށަހަޅާ ކޮންމެ 'ވަގުތަކީ' އޭނާގެ މުޅި ދުވަހުގެ ވަރުބަލިކަން ފިލުވައިލުމަށް ލިބޭ ތާޒާކަމެކެވެ.

އާއެކެވެ. އަހަރުމެންގެ ލޯބީގެ ނިޝާނެއް މި ދުނިޔެއަށް އުފަން ކޮށްފީމެވެ.

ﷲތައާލާގެ މިންވަރުފުޅުން ފުރިހަމަ ސިއްހަތާއި އުފާވެރިކަމުގެ ނިމުން ނެތް ނިއުމަތެކެވެ. 

އުމުރުން މިހާރު ދެ އަހަރާއި ބައެވެ. 

މާލިކްގެ މިޒާޖާއި، ގިނަ ސިފަތަކެއް ލިބިފައިވިޔަސް އަހަރެންގެ ލޮލާއި ނޭފަތާއި އިނގިލިތަކާއި ނިޔަފަތިތަކުގެ 'ކޮޕީ' ލިބިފައި ވަނީ އިތުރު ތަފްސީލަކަށް ބޭނުން ނުވާ މިންވަރަށެވެ. އަހަރެންނާއި ވައްތަރު، ދަރިފުޅުގެ ކޮންމެ ސިފައަކީ މާލިކްގެ ހިތުގެ ފިނިކަމެވެ. އެކަން ހަނދާންކޮށް ނުދޭ ދުވަހަކަށް އިރެއް ނާރަ އެވެ.  

ބައްޕަގެ ހުރިހައި ފުރިހަމަ ސިފަތަކެއް ދަރިފުޅަށް ލިބިފައިވެ އެވެ. އެއީ އަހަރެންގެ ހިތުގެ ފިނިކަމެވެ.

އުމުރުން އެންމެ ދެ އަހަރާއި ބައިގެ ބިލާލް މާލިކްއަކީ ބީނިޝްގެ ހިނިތުންވުމާއި އެ ދަރިފުޅުގެ 'އައްޑަނަ' އެވެ. ދެ ކުދިންގެ ދެމެދު އުފެދިފައިވާ ލޯތްބަކީ  އަޖައިބެއްފަދަ ގުޅުމެކެވެ. 

އެކަކު އަނެކެއްގެ ރައްކާތެރިކަމާއި ދިފާއުގައި  ތެދުވުމަކީ ވަށައިގެން ތިބޭ އެހެން ކުދިން، ދެ ފިޔަވަޅު ފަހަތަށް އަޅަން މަޖުބޫރުވާ ސަބަބުތަކެވެ. ބީނިޝް އާއި ބިލާލްގެ ގުޅުމުގެ ހުރިހައި 'ކްރެޑިޓެއް' މާލިކް އަހަންނަށް ހާއްސަކުރިއަސް، އެކަމުގެ ހުރިހައި ތައުރީފެއް އަހަރެން ހާއްސަކުރާނީ މާލިކް އަށެވެ. 

ދެ ކުދިންނަށް ހަމަހަމަ ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި މާލިކްއަކީ މިސާލެކެވެ. އެއީ ފުރިހަމަ ބައްޕައެކެވެ. 

ކުޑަކުޑަ ދަރިއަކު އޭނާގެ ދައްތަދެކެ މި ފަދައިން ލޯބިވާ މަންޒަރު ދުވަހަކުވެސް އަހަރެން ނުދެކެމެވެ. އަލްހަމްދު ލިއްލާހި އެވެ.

ފަތިސް ނަމާދުގެ ބަންގިއަށް ނުހޭލެވުމާއެކު ހަށިގަނޑުގައި ލޮޑުކަމެއް އުފެދިފައި އެބަހުއްޓެވެ. ލަސްކޮށް ނިދުމުން، ނުހޭލެވުނީ އެވެ. މާލިކްވެސް އަހަންނަށް ނުގޮވީ އެސަބަބަށްޓަކަ އެވެ.

އިރުއެރުމުގެ ކުރިން، ނަމާދަށް އެރޭތޯ އަވަސްކުރީމެވެ. ޒިކުރުތައް ކިޔައި ނިންމާލުމަށް ވަގުތުކޮޅެއް ނެގި އެވެ.

ޖިމްގައި ވެދާނެކަމަށް ބަލާފައި މާލިކް ހޯދަން ކޮޓަރީން ނިކުތީމެވެ. 

ލިބުނީ ހައިރާން ކަމެވެ. 

ޖިމްގައި މާލިކް ނެތެވެ. 

ބަދިގެއަށް ދިއުމަށް އަވަސްވީމެވެ. ލޮލުގައި އަޅައިގަތީ އަހަންނަށް ސައި ތައްޔާރުކޮށްފައި ހުރި ފުރިހަމަ މޭޒުމައްޗެވެ. 

އަހަރެންގެ ޖާގައިގައި ބަހައްޓާފައި ހުރި ޖޫސްތަށި ކައިރީން ނޯޓެއް ފެނުނުހެން ހީވެގެން އެއާއި ހަމައަށް ވާސިލްވީމެވެ. 

ހީކުރެވުނީ ރަގަޅަށެވެ. އެއީ ނޯޓެކެވެ. މާލިކް އަހަންނަށް ލިޔެފައިވާ ނޯޓެކެވެ.

"ސަލާމް، ގުޑް މޯނިން ޖާން! ވަރަށް ވަރަށް ހެނދުނާއި މީޓިންގ އެއް އޮތް ވާހަކަ ބުނާން ހަނދާން ނެތުނުކަމަށްޓަކައި ލޮލުން ބޮލުން މައާފަށް އެދެން.. ބްރޭކް ގަޑީގައިވެސް މިއަދު ގެއަށް ނާދެވޭނެ.. އިން ޝާ ﷲ ހަވީރު ފަސްގަޑި ތިރީހުގެ ކުރިން ގެއަށް އާދެވޭތޯ ވަރަށް މަސައްކަތްކުރާނަން.. ވަރަށް އަރާމު ނިންޖަކުން ނިދާލެވެނުކަމަށް އުއްމީދުކުރަން.. ތާޒާ މޫނާއި ރީތި ދެ ލޯ ދެކި ނުލައި އޮފީހަށް ދިއުން ފަސޭހައެއް ނޫން.. ވަރަށް ލޯބިވޭ!" ނޯޓުގައި ލިޔެފައި ވެއެވެ. 

އަހަރެންގެ މާލިކްގެ ނޯޓު ދެފަހަރު ކިޔައިލީމެވެ. ލޯބި އިންސާނެކެވެ. މާ ޝާ ﷲ އެވެ.

ކުދިން ނެގުމުގެ ކުރީން އަހަރެން މިސްރާބުޖެހީ ލޯންޑްރީއަށެވެ. އެތަނުގައިވެސް އަދި ގޭގޭ އެކި ރެކްތަކާއި ކަބަޑުތަކުގައިވެސް މާލިކްގެ ލޯބީގެ އެކި ނޯޓުތަށް ބަހައްޓާފައި ހުއްޓެވެ.  މިފަދަ ކުދިކުދި ކަންތައްތަކުން އަހަރުމެން ދެމީހުންގެ ލޯތްބަށް ލިބޭ ތާޒާކަމަށް ހިތުގެ އެންމެ ފުންމިނުން މާލިކްއަށް ޝުކުރެވެ.

ލޯންޑްރީ ނިންމާލުމަށްފަހު މުޅި ގޭތެރެ ސާފުކޮށް މޮޕްކުރީމެވެ. ކުދިން ހޭލައިފިތޯ ބަލައިލީމެވެ. އެކުއްޖެއްގެ ކޮޓަރީގައި އަމާންކަމާއެކު ނިދާލާފައި ތިއްބެވެ. 

ފެންވަރައިގެން ނޫނީ ކުދިން ނުނަގަން ނިންމީމެވެ. 

..............

ހުރިހައި ކަމެއް ނިންމައި ގޭތެރެ ހަމަޔަކަށްއަޅުވައިލީމެވެ. ފެން ވަރައިގެން ނިކުމެވުނުއިރު ދިހައެއް ޖަހައިފި އެވެ. ލޯތްބާއެކު ފިރުމާލާފައި ބިލާލްގެ ނިއްކުރީގައި ބޮސްދިނީމެވެ. 

"ވެރީ ގުޑް މޯނިންގ ހޭންޑްސަމް ޕްރިންސް" 

"ވެރީ ގުޑް މޯނިންގ މައި ބިއުޓިފުލް ކުއީން"

ދުވަހުގެ ތަހުނިޔާ  ފުރަތަމަ އަހަރެން ކިޔައިލީ ބިލާލް އަށެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި އޭގެ ޖަވާބު އައީ ކޮޓަރީގެ ދޮރާއި ދިމާއިންނެވެ. 

ލޯތްބާއެކު ހިނިތުންވެލައިގެން އެ ހުރީ އަހަރެންގެ ދޮށީ ދަރިފުޅު ބީނިޝް އެވެ. އަހަރެންގެ ދެ އަތް ހުޅުވައިލީމެވެ. 

ހަމަ އެ ސިކުންތުގައި ދުވެލާފައި އައިސް ދެއަތުގެ ތެރޭގައި ބީނިޝް ބޮނޑިވެލައިފި އެވެ.

ބިލާލް ހޭލައްވައިލުމަކީ ގިނަ ފަހަރަށް ފަސޭހަކަމެއް ނޫނެވެ. މާލިކްއާއި ބިލާލްގެ ނިދީގައި ތަފާތެއް ނެތެވެ. ދެމީހުންގެ އަމިއްލަ ކަމެއް ނެތިއްޔާ ހޭލެއްވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު ދެ މީހުން ބޭނުންވާ ކަމެއް ތާވަލުކޮށްފައި އޮތް ނަމަ، އެހެން މީހަކު ލޯ ހުޅުވުމުގެ ކުރީން އެ ދެބަފައިން ތިބޭނީ ކޮޅަށެވެ.

"ގުޑް މޯނިންގ ޕްރިންސެސް... ގުޑް މޯނިން މަންމާ" މޯޅިއަށް ދެމިލާފައި ލޯބި ގޮތަކަށް ބިލާލް ބުނެލި އެވެ. 

ބީނިޝް އަހަރެން ގައިގައި ބައްދާލައިގެން އޮތުމުން، ހުވަފެނީ ގޮތަކަށް އަހަރުމެން ދެމީހުންނާއި ދިމާއަށް ބިލާލް ބަލައިލި އެވެ.

ހަސަދަވެރިކަމެއް ނުވަތަ ވާދަވެރިކަމެއް އެ ބަލައިލުމުގައި ނެތެވެ. 

ފެންނަމުން ދަނީ ބިލާލް އެންމެ ދެކެން ބޭނުންވާ މަންޒަރެވެ. 

އޭނާގެ ދެ ލޮލާއި މޫނުގައި އެކުލެވުނު އަމާންކަން އަހަރެންގެ ސިކުނޑީގެ ނިންމުމަށް ހެކިދިނެވެ.

"ދޮންތި އެއައީ ފެންވަރާލައިގެން... ބިލާލްވެސް އަވަހަށް ފެންވަރައިގެން ސައިބޯލަން ހިނގާ.." އަހަރެން ބުނީމެވެ. 

އެކަމަކު ބިލާލްގެ ބޮލުގައި ފިރުމައިލީ އަހަންނެއް ނޫނެވެ. 

ލޮބުވެތި މަޔަކު ފަދައިން ކުޑަދަރިފުޅުގެ ބޮލުގައި އެ ފިރުމައިލީ އަހަރެންގެ ދޮށީ ދަރިފުޅެވެ. ލިބުނު ހިތްހަމަޖެހުމުގައި ދެ ލޯ ފެންކަޅިވި އެވެ. ދެ ކުދިން އެއްފަހަރާއި ގާތްކޮށް، އަހަރެންގެ ދެ އަތުގެ ތެރޭގައި ބޮނޑިކޮށްލީމެވެ. 

(ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް