ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން އަބްދުއްލަތީފު ވިދާޅުވީ އެކި ސަރުކާރުތަކުން ކޮރަޕްޝަން ހިންގާ ވާހަކައަކީ އަބަދުވެސް އިވެމުން އަންނަ ވާހަކަތައް ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގެ ފެށިގެން އެންމެ ފަހުން ވެރިކަން ކުރި އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައިވެސް އެ ސަރުކާރުތަކުގެ ވެރިން ކޮރަޕްޝަން ހިންގި ވާހަކައަކީ އާއްމު ވާހަކަތަކެއް ކަމަށް ލަތީފް ވިދާޅުވި އެވެ.
އެހެންނަމަވެސް ރައްޔިތުން މަޖލީހުގެ އެއްވެސް މެމްބަރަކު ހިޔާނަތްތެރި ނުވާނެކަމަށާއި ހިޔާނަތްތެރިވާނެކަަމަށްވެސް ގަބޫލުފުޅު ނުކުރައްވާކަމަށް ލަތީފް ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން މަޖލީހުގެ މެމްބަރުންނަކީ ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި ސާފު ބައެއްކަމަށް ލަތީފް ސިފަކުރެއްވި އެވެ.
ލަތފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރަނީ ކޮން ކަމެއްތޯ އަހާ ގިނަ މީހުން ސުވާލު ކުރާކަމަށެވެ. އެގޮތުން ރާއްޖޭގެ ކޯޓްތަކުން މީހުންނަށް ހުކުމްތައްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ރައްޔިތުން މަޖލީހުން ހަދާފައި ހުރި ގާނޫނުތަކުންކަމަށް ލަތީފް ވިދާޅުވި އެވެ.
މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅުވާނެކަމަށާއި އެފަދަ ފަރާތްތަކަށް އަދަބު ދޭނީވެސް މި ސަރުކާރުންކަމަށް ލަތީފް ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ އެންމެ ފައިސާ ފޮއްޗަކަށް ހިޔާނާތްތެރިވިޔަސް މި ސަރުކާރުން އެ މީހަކަށް އަދަބުދޭނެ ކަމަށާއި އެ މަގާމެއްގައި އެ މީހަކަށް ދެމިނުހުރެވޭނެ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.