މިއީ "ރެޓިނައިޓިސް ޕިގްމެންޓޯސާ" ކިޔާ ލޮލުގެ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް އަލުން ފެނުމުގެ އުއްމީދު ގެނެސްދިން އޮޕްޓޯޖެނެޓިކް ޖީން ތެރަޕީ ފަރުވާއެކެވެ.
މި ފަރުވާގެ ކްލިނިކަލް ޓްރަޔަލްތަކުން ދައްކާގޮތުގައި، މި އޮޕްޓޯޖެނެޓިކް ޖީން ތެރަޕީއާއެކު އަލި ފޮނުވައިދޭ ހާއްސަ އައިނުތަކެއް ބޭނުންކުރުމުން ބަލިމީހުންގެ ލޮލަށް އަލުން ފެނުން ލިބިގެންދެއެވެ. އެގޮތުން، މި ފަރުވާ ލިބުނު ބަލިމީހުންނަށް ތަފާތު ބައްޓަންތަކާއި، އަލި ހުރި ދިމާތަކާއި، އަދި ދިރިއުޅުމުގައި ކޮންމެ ދުވަހަކު ގޭތެރޭގައި ބޭނުންކުރާ ތަފާތު ތަކެތި ވަކިކޮށް ދެނެގަތުމުގެ ޤާބިލުކަން އަލުން ވަނީ ލިބިފަ އެވެ.
މެޑިކަލް ރިސާޗަރުން ބަޔާންކުރާ ގޮތުގައި، މިއީ ރެޓިނައިޓިސް ޕިގްމެންޓޯސާ ޖެހިގެން މުޅިން އަނދިރިވެފައިވާ މީހުންގެ ލޮލުގެ ފެނުން އަނބުރާ ހޯދައިދިނުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ފަރުވާގައި ބޭނުންކުރާ ޖީން ތެރަޕީއާއި އަލި ފޮނުވައިދޭ އައިނު އެއްކޮށް ބޭނުންކުރުމުން، ލޮލުގެ ފެނުން އަލުން ހޯދައިދިނުމަށް މަގުފަހިވެގެންދެ އެވެ.
މި ކްލިނިކަލް ޓްރަޔަލްގެ ކާމިޔާބީއާއެކު، ބައިނަލްއަގްވާމީ ރިސާޗަރުން ވަނީ މި ފަރުވާއަކީ ލޮލުގެ ފެނުން ނުކުޅެދިފައިވާ ފަރާތްތަކަށް އަލުން އެހީތެރިކަން ފޯރުކޮށްދެވިދާނެ އުންމީދީ ފަރުވާއެއްކަން ސާބިތުކޮށްދީފަ އެވެ.