އެލްޖީއޭއިން މިހެން ބުނީ އެ އޮތޯރިޓީއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް އޮތޯރިޓީން ހަރަދުކޮށްފައިވާކަމަށް ނޫސްތަކުން ހަބަރު ގެނެސްދީފައިވާކަމަށް ބުނެ އެކަން ސާފުކޮށްދިނުމުުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.
އެލްޖީއޭއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި އެލް.ޖީ.އޭ ގެ ގޮފިތަކެއް މޭ 17، 2026 ވަނީ ޤާއިމްކުރެވިފައިކަމަށެވެ. އެ ބަދަލާއެކު، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެ އޮފީހުން އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާތައް ދެއްކުމާއި، އެ އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ ހަރަދުތައް ކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ އެ އޮތޯރިޓީއަށްކަމަށް އެލްޖީއޭއިން ބުނެ އެވެ.
މި އަހަރަށް އޮތޯރިޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅިފައިވަނީ، އަތޮޅު ގޮފިތައް އޮތޯރިޓީއާ ހަވާލުވުމުގެ ކުރިން، އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެންކަމަށް އެލްޖީއޭއިން ބުނެ އެވެ. އެހެންކަމުން، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އޮތޯރިޓީގެ ބަޖެޓުގައި ހިމެނިފައެއް ނުވާކަމަށްވެސް އެލްޖީއޭއިން ބުނެ އެވެ.
އެހެންކަމުން އަތޮޅު ގޮފިތަކުން ކުރަންޖެހޭ އެންމެހާ ހަރަދުތައް މި އޮތޯރިޓީން ކުރަމުން ގެންދަނީ އިތުރުކޮށް ދެއްވި ފައިސާގެ ތެރެއިންކަމަށް އެލްޖީއޭއިން ބުނެ އެވެ. މި ގޮތުން 17 މެއި 2026 އިން ފެށިގެން އަތޮޅު ގޮފިތައް (ކުރީގެ އަތޮޅު ކައުންސިލްތައް) ހިންގުމަށް 06 އޮކްޓޯބަރ 2026 ގެ ނިޔަލަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެލްޖީއޭއިން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުގައި އޮތޯރިޓީގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާކަމަށް ފެންނަނީ، 2026 ވަނަ އަހަރަށް މިއޮތޯރިޓީއަށް ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް މި އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީކަމަށް އެލްޖީއޭއިން ބުނެ އެވެ. އަދި އެ ހަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދާ އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ފަބްލިކް އެންޓާޕްރައިސެސް އިން ކަނޑައަޅުއްވާފައިވާ ނިޒާމުގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދައާއެކުގައިކަމަށް އެލްޖީއޭއިން ބުނެ އެވެ.