ރިޔާދުގެ އެއާޕޯޓަށް އިއްޔެ ދިން މި ނުރައްކާތެރި ހަމަލާގައި 12 މީހުން ނިޔާވެ، 309 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ގައުމަށް ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން އެތައް އާންމުންނެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އާންމުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނުރައްކާތެރި އަމަލެއް ކަމަށާއި މިއީ ސައުދީ އާއި މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މިއީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި ހަފުތާގައި ދިން ތިންވަނަ ހަމަލާއެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީން، ސޫރިޔާ، ސޫދާން އަދި މިސްރު ރައްޔިތަކު ހިމެނެ އެވެ. ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ޒަހަމްވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމުގަ އެވެ.