ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާވި 309 މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. އަދި އެއާޕޯޓަށް ލިބުނު ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނި ގޮތުގައި، ސައުދީގެ އިރުމަތީގައި އޮންނަ ދައްމާމްގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް އިއްޔެ ވަނީ ޕްރޮޖެކްޓައިލްއެއް ވެއްޓިފަ އެވެ.
ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅިގެން، އެއާޕޯޓަށް ލިބުނު ގެއްލުންތައް ބަލައި، އެތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފަ އެވެ.
ސައުދީ ކޯލިޝަނުން ބުނި ގޮތުގައި އޭގެ ރައްދުގައި ފަށާފައިވާ ހަމަލާތަކުގައި ހޫތީންގެ އަސްކަރީ 82 އަމާޒެއް ވަނީ ނައްތާލައިފަ އެވެ. އޭގެ ތެރޭގައި ފަރުބަދަތަކުގެ ތެރޭގައި ހުރި ހޫތީންގެ ބެލިސްޓިކް މިސައިލް ވަސީލަތްތަކާއި، ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކާއި، މުއާސަލާތީ ނިޒާމުތަކުގެ އިތުރުން ހޫތީން އެއްވެ އުޅޭ ތަންތަން ހިމެނެ އެވެ.
ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫޘީންނާއި ސައުދީގެ ތާއީދު އޮންނަ ޔަމަން ސަރުކާރުގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ފަހަކަށް އައިސް އިތުރުވެފަ އެވެ.
ޔަމަނުގެ އުތުރުހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީން، ސައުދީގެ މަދަދުލިބޭ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދަނީ އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށެވެ. އެގޮތުން، ޖުލައި މަހު އަލުން ހަނގުރާމަ ފެށުނު ފަހުން ހޫތީން ވަނީ އައްސޭރިފަށުގެ ބޮޑެތި ސަރަހައްދުތަކެއް ހިފައިފަ އެވެ.
އދ. އިން ބުދަ ދުވަހު ބުނި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ގައުމުގެ އެތެރޭގައި 200,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފަ އެވެ.