ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ބެޗުގައި، ރާއްޖޭގެ 20 އޮތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުން ވަނީ ބައިވެރި ވެފަ އެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިން އަކީ ދިވެހި ވަތަނީ ހިދުމަތާ އަލަށް ގުޅޭ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަހުލާގާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުންނަށް ތަމްރީނު ދެވޭނެ އެވެ.
ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ. ގައުމިއްޔަތާއި ޒިންމާދާރު އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި 16-28 އަހަރާ ދެމެދުގެ މީހުންނަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ފުރަތަމަ ތަމްރީނަށް ފަހު، ފަންނީ ބައި ފުރިހަމަކުރަން ބ. ކިހާދޫއަށް އިއްޔެ ވަނީ ތިން ވަނަ ބެޗު ފުރައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ.