އައިއެމްއެފްއިން ނެރުނު "ގްލޯބަލް ފައިނޭންޝިއަލް ސްޓެބިލިޓީ ރިޕޯޓު" ގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭއައި ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ އަގުތައް ހަގީގީ މިންވަރަށްވުރެ އިންތިހާއަށް މަތީގައި ހުރުމާއި، އެ ކުންފުނިތަކުން ނަގަމުންދާ ދަރަނިތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމަކީ ދުނިޔޭގެ މާކެޓަށް ބޮޑު ލޮޅުމެއް ނުވަތަ "މާކެޓް ކޮރެކްޝަން" އެއް އައުމުގެ ބޮޑު ނުރައްކަލެއް އޮތް ކަމެކެވެ.
އެ އިދާރާއިން ބުނި ގޮތުގައި، މާކެޓަށް މިފަދަ ބޮޑު ކޮރެކްޝަނެއް ނުވަތަ ލޮޅުމެއް އަތުވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ކުރާނެއެވެ. އޭއައި ކުންފުނިތަކުގެ މާކެޓް ވެލިއުތައް މަތިވުމާއި ދަރަނި އިތުރުވުމުގެ ސަބަބުން މާލީ މާކެޓްތަކަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.