އެމްޕީއެލުން ބުނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، އުޅަނދުފަހަރަށް ހުއްދަކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން، މާލޭ ސައުތްވެސްޓް ހާބަރަށް (ޓީޖެޓީ ސަރަހައްދަށް) ވަދެނިކުންނަ އުޅަނދުފަހަރުގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހޭނެކަމަށް އެމްޕީއެލްއިން ބުނެ އެވެ. އެގޮތުން ކޮންމެ އުޅަނދެއްްގައި ބަރުމަރުކާ (Load Line) ރަސްމީ ނިޝާން އުޅަނދުގެ އަރިމަތީގައި ސާފުކޮށް ފެންނަން ހުންނަން ޖެހޭނެކަަމަށް އެމްޕީއެލްއިން ބުނެ އެވެ. އަދި މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮންނަން ވާނެކަމަށްވެސް އެމްޕީއެލްއިން ބުނެ އެވެ.
މީގެއިތުރުން އުޅަނދުފަހަރުގައި ޓްރާންސްޕޯޓް ހުއްދަކުރާ ހުރިހާ ލިޔުމެއް ހަމަތޯ ބަލާނެކަމަށްވެސް އެމްޕީއެލުން ބުނެ އެވެ.
ވީމާ، ޚިދުމަތް ހޯއްދެވުމުގައި ދަތިތަކެއް ދިމާނުވެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި، ހުރިހާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އައުކުރައްވައި ނިޝާން ޖެއްސެވުމަށް ހަނދުމަކޮށްއަރުވަމެވެ.