ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
އަމާޒަކީ ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓް ކުރުމާނުލައި ރާއްޖޭގައި އުފެއްދުން: ރައީސް
ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި ހައްދައިގެން ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ގައުމީ ފެންވަރުގައި ކަށަވަރު ކުރުމަށާއި، އިގުތިސޯދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމަށެވެ.

"ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރޮނގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނެ ގޮތަށް ކުރިއަށްދެވޭނެ މަގުކޮށާދިނުމުގެ މުހިންމު މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ގައުމީ ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނައިރު، މިއަހަރު މި ފާހަގަކުރަނީ 17 ވަނަ ގައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "އީޖާދުން، މާދަމާގެ ދިރުން" މި ޝިޔާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް