ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ބިމެވެ. އެ ބިމުގެ ބޮޑު މިނަކީ 25,011.43 އަކަފޫޓުގެ ބިމެކެވެ.
ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަނުން މި ބިމުގެ މުުއާމަލާތުގެ މައްސަލަ ނިންމާ އިއްވި ހުކުމުގައި ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް މި ބިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ވިއްކާ ފައިވާ ކަމަށެވެ.
އެގޮތުން އެ ބިން ވިއްކުމުގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށާއި އެ މުއާމަލާތް ފުރިހަމަވެ، ފައިސާ ދައްކައި ނިމިފައިވާތީ، ހުޅުމާލޭގެ އެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.
ހުކުމުން އެނގޭގޮތުން މި ބިން ގަތުމަށް ދައުލަތުން ވަނީ 94.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި މި ފައިސާ އެޗްޑީސީއަށް ދައްކާފައިވަނީ އެކީ އެއްފަހާރާކަންވެސް ހުކުމް އެނގެއެވެ.