މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ތަމްރީނުތައް ކުރިއަށްދަނިކޮށް ކުއްލިއަކަށް ވައިގެ މިސްރާބު ބަދަލުވުމުގެ ސަބަބުންނެވެ. ވައިގެ މިސްރާބަށް އައި މި ކުއްލި ބަދަލާއެކު، އެ ސަރަހައްދުގެ ވިނަގަނޑުގައި ރޯވި އަލިފާންގަނޑު ވަނީ ވަރަށް ބާރުމިނުގައި ފެތުރިގެން ގޮސްފަ އެވެ. އެގޮތުން އެކެއް ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ އެންމެ 36 ސިކުންތު ތެރޭގަ އެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ހަތަރު ސިފައިންގެ އިތުރުން، އަނިޔާވި 19 ސިފައިންގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީނުތައް ހިންގަނިކޮށް ފެތުރުނު މި އަލިފާންގަނޑަކީ ސިފައިންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވެސް ފުރުސަތު ނުލިބި، ވަރަށް ކުއްލިއަކަށް ފެތުރިގެންދިޔަ ބިރުވެރި އަލިފާންގަނޑެކެވެ.