ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހުބާޒް ޝަރީފްގެ ރަސްމީ ދައުވަތަކަށް ރައީސް މުއިއްޒު މާދަމާ އެ ގައުމަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގެ ރައީސަކު މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތީ 2015 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ.
ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ފޯރަމްގައި 300 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތަކުގެ މައުލޫމާތު ސަރުކާރުގެ ފަރާތުން ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ބާރަ ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މަތީ ތަޢުލީމާއި ދިރާސާ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.
އަދި މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ވެސް ގުޅިފައިވާ، ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ދަތުރުފުޅެކެވެ.