ޕާކިސްތާން އާއި ރާއްޖެއާ ދެމެދު ސޮއިކުރި އެމްއޯޔޫތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ދިފާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، މެރިޓައިމް ސެކިއުރިޓީ އަދި މީހުން ތަމްރީން ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ އެމްއޯޔޫތަކެވެ.
- ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުން
- ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން
- މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުން
- އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަސެކިޔުރިޓީ އާއި އަރޓިފިޝަލް އިންޓެލިޖެންސް އާއި ޑިޖިޓަލް ސްކިލްސް އާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުން
- އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުން
- ސިއްހީ ހިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
- ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން
މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ދިފާއީ އަދި ވަތަނީ ހިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދާއި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާނާއި ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީ އާއި އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދާއި ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރުގެ އިތުރުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފާއި ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ތޯހާ އެވެ.
މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީހީ ދަތުރުފުޅެއް ވެސް މެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ރައީސް ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފަ އެވެ.