ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރެވޭ ވިޔަފާރިއަކީ ދެ ގައުމުގެ އިގްތިސާދީ ގާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
މި ގުޅުން ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ވިޔަފާރި، ދިފާއީ ދާއިރާ، ސިއްހީ ދާއިރާ، ގާބިލުކަން އިތުރުކުރުން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހިމެނޭހެން ތަފާތު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ދެ ގައުމުގެ އިގްތިސާދީ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ދާއިރާއިން ބޭނުންނުކުރެވި ހުރި ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. އަދި ވިޔަފާރި ފުޅާކުރުމަށާއި، އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުވައިދޭ ދަތުރުފަތުރު ވަރުގަދަކުރުމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމަކީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި، އީޖާދުވެރިން އަދި އިންވެސްޓަރުން އެއްތަނަކަށް ގެނެސް، އެކުވެރިކަމާއި ގުޅުމުގެ ބޭނުންހިފައި ދެފަރާތަށް ފައިދާހުރި އިންވެސްޓްމަންޓްތަކަކަށް ބަދަލުކުރުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް ކުރެވޭ މަޝްވަރާތަކަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިކަމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، ހާއްސަކޮށް ދެ ޤައުމުގެ ދެމެދުގައި އޮތް އެއްގޮތް އަގީދާއާއި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ޙަލާލް އަދި މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި ފުރުޞަތުތަކެއް އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.