ޕާކިސްތާނާއި ރާއްޖެއާ ދެމެދު މިއަދު ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު، އެމްއޯޔޫތަކުގައި ސޮއިކުރުން އޮތްއިރު، ދަތުރުފަތުރާ ގުޅޭ އެމްއޯޔޫގައި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ލެފްޓިނެޓް ޖެނެރަލް މުހައްމަދު އަލީ އެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ރާއްޖެ އާއި ޕާކިސްތާންއާ ދެމެދު ސީދާ ދަތުރައް ފެށުމަށް ތައްޔާރުވަނީ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) މެދުވެރިކޮށެވެ. އެ އާލައިނުގެ ފްލީޓަށް އާ މަތިންދާބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް މީގެ ކުރިން އެ އެއާލައިނުން ހާމަކޮށްފައިވެ އެވެ
ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން މިދިޔަ މަހު އިއުލާންކުރި ގޮތުގައި، އެ އެއާލައިންގެ ފްލީޓަށް އާ ބޯޓުތައް އިތުރުވުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕާކިސްތާން އެއާލައިންގެ މަތިންދާބޯޓެއް: ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފެށުމަށް ވަނީ ނިންމައިފައި. - ފޮޓޯ: ރޮއިޓާސް
މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރުދާރީއާ ރައީސް ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފަ އެވެ.