ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އާންމުކޮށްފައިވާ 24 ގަޑިއިރުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ގެމަނަފުއްޓަށް އިއްޔެ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް، 90.3 މިލިމީޓަރުގެ ވާރޭ އެވެ.
ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓުގެ ރެކޯޑުތައް ދައްކަނީ، މާލެއަށެވެ. މިގޮތުން، 90 މިލިމީޓަރުގެ ވާރޭ މިދިޔަ 24 ގަޑިއިރުތެރޭ އެ ސަރަހައްދަށް ވެހުނުއިރު، ހުޅުމާލެއަށް 60 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިއަދު 18:00އާ ހަމައަށް މެޓުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
އެއާއެކު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. މިގޮތުން، ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާ ހަތް ފޫޓާ ދެމެދުގަ އެވެ.
މެޓުން ވަނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.