ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ސަރުކާރުން ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދައްކަމުން އަންނަ ވާހަކަަތަކާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އީގަލް ހިލްސްގެ މަޝްރޫއަކީ ވަރަށް ރަނގަޅު މަޝްރޫއެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެހާހަނި ނަޒަރަކުން ވިސްނާ ބަޔަކަށް ވެއްޖެނަމަ ޕާޓީއަށް ގެއްލުން ލިބޭނެ ކަމަށެވެ.
20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.
ރަސްމާލޭގެ "އާބަން އޭރިއާ"ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.