"މޯލްޑިވްސް އެކްސްޕޯ 2026" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޒުވާން ވިޔަފާރިވެރިން ކުދި އަދި މެދުފަންތީގެ އަދި އެމްއެސްއެމްއީ ސެކްޓާގައި އެކި ކަހަލަގެ ވިޔަފާރިތައް ފެށުމާއި ފަށާފައި ހުރި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ހާއްސަކުރެވިގެން ފެށި ސްކީމްގައި ޔޫތު އެންޓްރަޕްރިނާޝިޕް ފައިނޭންސިން ސްކީމްގައިއޭގެ ފުރަތަމަ ފިޔަވަހި ނިމުނުއިރު، 3000 އަށް ވުރެ ގިނަ ވިޔަފާރިތަކަށް މިވަނީ 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދެވިފައިވާކަމަށެވެ.
ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް އަދަށްވުރެ ތަނަވަސްކުރުމުގެ ގޮތުން މިހާރުވެސް މަސައްކަތްތަކެއް ކުރެވޭކަމަށާ، މި ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި، އަންނަ ނޮވެމްބަރު މަހު ފެށޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޮޑެތި ލުއިތަކެއް ދޭން ނިންމިކަން ރައީސް ރޭ އިއުލާން ކުރެއްވި އެވެ. އެގޮތުން އަންނަ މަހުގެ 1 ވަނަ ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ހާއްސަ ޓެކްސް-ފްރީ ޒޯންތަކެއް ޤާއިމުކުރާނެކަމަށާއ 3 އަހަރުގެ މުއްދަތަށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް އައްޑޫ ސިޓީއިން ފެށުމަށް ނިންމިކަންވެސް ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.
މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމުގެ ބޭނުމަށް، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމިކަމަށްވެސް ރައިސް ވަނީ ވިދާޅުވެފަ އެވެ.