ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު 3 ލުޔެއް ދޭން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.
އެ ގޮތުން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރުގެ މަސައްކަތެއްކޮށް ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމެވެ.
މިގޮތުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭ ގޮތަށް ނުވަތަ އަޅާ ކިޔާ ކެނޑޭ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ސާމާނަށް އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެ ގޮތުން އެމްއެސްއެމްއީ ސެކްޓާގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސްތަކަށް އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް، އެސްއެމްއީތަކަށް ލުއިދިނުމުގެ ގޮތުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް މިއަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ގާނޫނަށްވެސް ބަދަލު ގެންނަވާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެ ލުއިތަކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށާއި އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނައްތާލައި، ޖީބަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، އުއްމީދު ކުރައްވަނީ ގިނަ ބަޔަކު ކުދި ވިޔަފާރިތައް ފަށައި އަމިއްލަ ބާރުވެރިކަން ހޯދުން ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.