"އަރުނަބު" މި ނަން ހުށަހަޅާފައިވަނީ ބަންގްލަދޭޝް އިންނެވެ. އަދި މިއީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔުއެމްއޯ) އަދި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ޕެނަލް އޮން ޓްރޮޕިކަލް ސައިކްލޯންސް އިން ފާސްކޮށްފައިވާ ޓްރޮޕިކަލް ތޫފާންތަކުގެ ރަސްމީ ނަންތަކުގެ ލިސްޓުގައި ހިމެނޭ ނަމެކެވެ.
"ސީއެންއެމް" އަށް މިއަދު މައުލޫމާތުދެމުން މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ބަންގާޅު ކަނޑުގައި އުފެދުނު ތޫފާން "އަރުނަބް" މި ހަފްތާގެ ތެރޭގައި އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އަރާނެކަމަށް ބެލޭވޭކަމަށެވެ. ނަމަވެސް ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.
ނަމަވެސް، އޮފިޝަލް ވިދާޅުވީ މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ވިއްސާރަ ކުރަނީ އިންޑިއާގެ ދެކުނާއި ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާއެެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވިފައިވާތީ، މެޓް އޮފީހުން ވަނީ ކަނޑުގެ ޙާލަތަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރަސްމީ އިދާރާތަކުން ދޭ މޫސުމީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެދިފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.