މި ފިލްމު އަޅުވައިގެން ނިމެންދެން މުޅި ސިނަމާގައި ގުގުމާލާފައިވަނީ ބިރުވެރި ހަޅޭކާއި ރުއިމުގެ އަޑުން ނެވެ.
މި ފިލްމުގެ ވާހަކައަކީ ލޯބީގައި ދީވާނާވެފައިވާ "މަޖުނޫނެއް" އޭނާގެ ލޯބި ކާމިޔާބު ކުރުމަށްޓާކާއި ކުރަމުން އަންނަ ތަފާތު ކަންކަމުގެ ވާހަކަ އެވެ.
މާބޮޑު ތަފްސީލަކަށް ގޮސްފިނަމަ މުޅި ފިލްމުގެ ކުރިމަރާލަން ޖެހިދާނެ އެވެ.
ދެން ބުނެލަން އޮތީ މި ފިލްމުގެ ވާހަކައަކީ ދިވެހި ސިނަމާތަކުން ފެންނަ އެހެން ފިލްމުތަކާއި ތަފާތު ވާހަކައެއް ކަމުގައި އެވެ.
މި ފިލްމުގެ ތަރިންގެ އެކްޓިންގެ ވާހަކަ ދައްކާނަމަ އެ ތަރިގެ ވާހަކަ ނުދައްކާ ދޫކޮށްލާ ވަރުގެ އެއްވެސް ތަރިއެއް އެ ފިލްމުގައި ނެތެވެ.
އެ ގޮތުން އަހްމަދު ޝާރިފްގެ މޮޅު އެކްޓިންގެ ވާހަކަ އެއީ ނުދައްކާ ދޫކޮށްލާވަރުގެ ވާހަކެއް ނޫނެވެ. އޭނާ މި ފިލްމުގައި ކުޅެފައިވާ ރޯލަކީ ވަރަށް ތަފާތު އަދި ގިނަ ބަޔަކަށް ކުޅެން އުދަނގޫވެދާނެ ރޯލަކަށް ވެދާނެ އެވެ. ނަމަވެސް އޭނާ ވަނީ މި ރޯލް ވަރަށްވެސް ފުރިހަމައަށް އަދާކޮށްފައި އެވެ.
ދެން އެ ފިލްމުން ފެނިގެންދާ އަންހެން ތަރި މަރިޔަމް ޝިފާގެ އެކްޓިންގެ ވާހަކަ ދައްކާލަމާ ހެއްޔެވެ. މި ފިލްމުން އޭނާ ފެނިގެންދަނީ އޭނާ ދަރިންގެ ރައްކާތެރިކަމަށްޓާކައި ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި މަންމައެއްގެ ރޯލުން ނެވެ. އޭނާގެ އެކްޓިންނަށް ތައާރަފު ނުކޮށް ދޫކޮށްލުން އެއީ ވަރަށް ވެސް އުނދަގޫކަމެ ކެވެ.
މީގެ އިތުރުން މި ފިލްމުގައި ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ، މުހައްމަދު މަނިކު، ލާލީ އަދި އެވްލީގެ މޮޅު އެކްޓިންނެއް ފެނިގެންދެ އެވެ.
ދެން މި ފިލްމުގެ ލަވަތަކުގެ ވާހަކަ ދައްކާލަމާ ހެއްޔެވެ. ބުނެލަން ޖެހޭނީ ހަމަ ނަހުލާގެ އެހެން ފިލްމުތަކުގެ ލަވަތައްހެން މިފިލްމުގެ ލަވަތަކުގައި އާންމުން ދަނީ ހަމަ ބާރަށް ޖައްސަމުން ކަމުގައި އެވެ.
މި ފިލްމަކީ ނަހުލާ ކުރިންވެސް ބުނެފައިވާހެން ދިވެހި ސިނަމާގެ ތާރީޚުގައި ލިޔެވިގެންދާނެ ވަރުގެ ފިލްމެއް ކަމުގައި އެވެ.
މި ފިލްމަކީ ހަމަ ޓިކްޓު ނަގައިގެން ގޮސް ބަލާލަން ވަރަށް ވެސް ސަޅި ފިލްމެ ކެވެ.