އުއްތަމަ ފަނޑިޔާރުގެ މިހާރުގެ މުސާރައަކީ މަހަކު 91،000 ރުފިޔާ އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމެޓީއަށް ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު އެވެ. އޭނާގެ ހުށައެޅުވުމުގައި ވަނީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން އެދިވަޑައިގަތީ މުސާރަތަކަށް ގެނެވުނު ބަދަލުތަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރުގެ މުސާރައެއް ދިނުމަށެވެ. މިގޮތުން މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ މުސާރައިގެ ތެރެއަށް ހާއްސަ އެލަވަންސްގެ ނަމުގައި 4123 ރުފިޔާ އިތުރުކުރުމަށް ވަނީ ހުށައަޅާފަ އެވެ. އެއާއި އެކު އުއްތަމަ ފަނޑިޔާރުގެ މުސާރައަކަށް ވެގެންދާނީ މަހަކު 95،125 ރުފިޔާއެވެ.
މާލިއްޔަތު ކޮމެޓީން މިދިޔަ ހަފްތާގައިވަނީ ރައްޔިތުން މަޖލީހުގެ ރައީސްއަށް ވެސް ހާއްސަ އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ދިނުމަށް ފާސްކޮށް މަޖިލީހުގެ ރައީސްގެ މުސާރަވެސް 95،125 ހަދަން ނިންމާފަ އެވެ.
މީގެއިތުރުން ވަޒީރުންނަށް ކުރިން ކާރު އެލަވަންސް 17،000 ރުފިޔާއަށް ބަދަލުކުރުމަށްވެސް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އަދި ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 30،000ރ ، ނައިބު ރައީސްގެ މުސާރަ 25،000ރ އަދި މެމްބަރުންގެ މުސާރަ 23،000ރ ހަދަންވެސް މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.