ads
ޝަމީމް
އާ އިސްލާހަކީ ދައުލަތުގެ ވެރިން ކުށްވެރިކުރާ، ހީލަތްތެރި ރޭވުމެއް: ޝަމީމް
ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަކީ ހިލަތްތެރި ރޭވުމެއްގެ ތެރެއިން، ދައުލަތުގެ ވެރިން ކުށްވެރިވާގޮތަށް ފަރުމާކުރެވިފައިވާ ހުތޫރަތްތެރި ބިލެއްކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
Advertisement

ވަކި ދީނަކަށްވާތީ ނުވަތަ ވަކި ގައުމަކަށްވީތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާނެ ކަންކަން ކުރުމަކީ ގާނޫނީ ބޮޑު ކުށަކަށް ހަދަން ސަރުކާރު ވަނީ މަޖިލިހަށް ހުށައަޅާފަ އެވެ. މި ބިލު މަޖިލިހަށް ހުށައެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މިކަމާއި ގުޅީގެން ކުރީގެ ޕިޖީ އަދީ ގާނޫނީ ވަކީލް ހުސެއިން ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވި ލިޔުމެއްގައިވަނީ ގާނޫނުލްއުގުބާތަށް ހުށަަޅާފައި އެ އިސްލާހަކީ ސަރުކާރުގެ ނިވާފަތްގަނޑުގައި ހުންނަވައިގެން، ސީދާ ސަރުކާރުގެ ވެރިންނާއި ދެކޮޅަށް ރިފާއު ހުށައަޅާފައިވާ ބިލެއްކަމަށެވެ.

ޝަމީމް ވިދާޅުވީ މެންބަރު ރިފާއުގެ ނިޔަތާމެދު އެންމެ ފުރަތަމަ ސުވާލު އުފެދުނީ، ޤަތުލުއާންމުގެ ކުށް ދަރަޖަކުރައްވާފައި އޮތް ގޮތުންނެވެ. އެގޮތުން ޤަތުލުއާންމުގެ ކުށް ދަރަޖަކުރައްވާފައި އޮތީ ދެގޮތަކަށްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އެ ކުށްކުރީ "ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އެއީ ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށެވެ. އަދި 2 ގައި އޮތީ "އެނޫން ހާލަތްތަކުގައި، އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް" ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިހާރު ޤާނޫނުލްޢުޤޫބާތު އޮތް ގޮތުން، 110 ވަނަ މާއްދާގައި އޮތް ގޮތަށް މީހަކު މަރައިފިނަމަ، އެކުށުގެ ދަރަޖައަކީ ޖިނާޔަތުގެ 1 ވަނަ ދަރަޖަކަމަށް ޝަމީމް ވިދަޅުވި އެހެންނަމަވެސް، 650 ވަނަ މާއްދާގައި އޮތް ޤަތުލުޢާންމެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ 2 ވަނަ ދަރަޖަކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

"ވީމާ، ޤާނޫނުން ބުނަނީ، މީހުން މަރަން ބޭނުންނަމަ، ޤަތުލުއާންމަކަށްވާގޮތަށް މީހުން މެރުމަކީ ޤާނޫނުގައި އަދަބު ކުޑަ، ކުށުގެ ދަރަޖަވެސް ކުޑަކަމެއް ކަމަށެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާގެ ކަންބޮޑުވުން ބޮޑުވީ ބިލު ހުށަހެޅި ސަބަބުގެ ދެވަނަ ބައިގައި، "ދިވެހި ދައުލަތަށް ހިޔާނާތްތެރިވުމާއި ދައުލަތުގެ އިޤްތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި ޢަމަލު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ" ވެސް މި ބިލު ހުށަހަޅާ ސަބަބެއްކަމަށް ލިޔުއްވާފައި އޮވެފައި، މުޅި އެކުށް ފަރުމާކުރައްވައި، ވަކި ބޭބޭފުޅުންނަށް އަމާޒުކުރައްވާފައި އޮތުމުންކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާގެ ވިސްނުމަށްވެސް ފުރަތަމަ އައީ، މިއީ އިދިކޮޅު ސިޔާސީ އަދި ދީނީ މީހުން ރާއްޖޭގެ އިޤްތިސާދަށް ދަތިވާ ޒާތުގެ ޢަމަލުތައްކުރާތީ، އެކަންކަމަށް އަދަބުދެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހެއްކަމަށެވެ.

" އެހެންކަމުން، އިއްޒަތްތެރި މެންބަރު އަބްދުﷲ ރިފާއުގެ ވިސްނުންފުޅުގައި، ސަރުކާރު އަދި ދައުލަތުގެ ވެރިއަކަށް، އެއީ (މާލީ) ވަޒީރަކަށް، (ފަތުރުވެރިކަމުގެ) ވަޒީރަކަސް، އަދި ކިއެއްތަ، ހުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް، މިކުށުގެ އަމަލު މިހާރު އޮތް ގޮތުން ކުރެވެއެވެ. އެއީ، ދަރަޖަކުރުމުގައި ސަރުކާރު ހިންގުމުގެ އިސް މަޤާމެއްގައި ހުރި މީހަކު މިކުށް ކޮށްފާނެކަމަށް ތަސައްވަރުކޮށްފައި އޮންނާތީއެވެ." ޝަމީމް ވިދާޅުވިއެވެ.

މެންބަރު ރިފާއުގެ މިބިލަކީ، ޙީލަތްތެރި ރޭވުމެއްގެ ތެރެއިން، ދައުލަތުގެ ވެރިން ކުށްވެރިވާގޮތަށް ފަރުމާކުރެވިފައިވާ ހުތޫއަތްތެރި ބިލެއްކަމަށް ޝަމީމް ވިދާޅުވި އެވެ.

" މިބިލާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނާވަޑައިގެން، ބިލުގެ ކޮމިޓީ މަރްޙަލާގައި މިބިލަށް ބޮޑެތި އިސްލާހުތައް ގެނެސް، ދައުލަތުގެ ވެރިންނަށް ހައްގުވާ ރައްކާތެރިކަން ވެރިންނަށް ލިބިދޭންޖެހޭގޮތަށް މިބިލު އިސްލާހުކުރަންޖެހޭކަމަށް އަޅުގަނޑަށް ފެނެއެވެ." ޝަމީމް ވިދާޅުވިއެވެ.

ދައުލަތުގެ ވެރިންނަށް ގާނޫނުން ހިމާޔަތްދޭންޖެހޭނެ ކަމަށާއި އެ މީހުންކުރާ ހަމަ ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށްވެދާނެ ފަދަ އަމަލެއްކަމަށް ޤާނޫނުލްޢުޤޫބާތުގައި ލިޔުމުން އެ އުފެއްދެނީ އެކަށީގެންނުވާ ބިރުވެރިކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް