ads
މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު، ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު -- ފޮޓޯ/ ރައީސް އޮފީސް
އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000އަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ބޮޑުކުރަން އިއްޔެ މާލިއްޔަތު ކޮމިޓީން ނިންމި އެވެ. ހަމަ އެއާ އެކު، މަޖިލީހުގެ ރައީސްއާ އެއްހަމައެއްގެ މުސާރައެއް އުއްތަމަފަނޑިޔާރަށް ވެސް ހަމަޖެއްސުމުގެ ބޭނުމުގައި އެ މަގާމުގެ އިނާޔަތްތައް ވެސް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ. 

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް މުސާރަަތައް ބޮޑުުކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެގޮތަށް މުސާރަ ބޮޑުކުރަން ނިންމީ ވެރިކަންކުރާ ޕީއެންސީގެ 40 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް އެމްޑީޕީގެ 12 މެމްބަރުން ވޯޓުދެއްވި އެވެ.

މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރުންގެ މުސާރައިގެ އިތުރުން މިއަދު ވަނީ ކައުންސިލަރުންނާއި ވަޒީރުންގެ މުސާރަ ވެސް ބޮޑުކުރަން ފާސްކޮށްފަ އެވެ.

މިއާ އެކު ވަޒީރުންގެ މުސާރައަށް އަންނާނެ ބަދަލަކީ:

  • ވަޒީރުންގެ ކާރު އެލަވަންސް 17,000ރ.އަށް ބޮޑު ކުރަން 

  • އޭރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75,500ރ. ލިބޭނެ 

  • މިހާރު ލިބެނީ 58،500ރ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ، މުސާރައިގެ ތެރެއަށް 5000ރ.ގެ އެލަވަންސެއް ލިބޭ ގޮތަށެވެ. އޭރުން:

  • ކައުންސިލް ރައީސްއަށް 30،500ރ. ލިބޭނެ؛ މިހާރު ލިބެނީ 25،500ރ.

  • ނައިބު ރައީސްއަށް 25،000ރ. ލިބޭނެ؛ މިހާރު ލިބެނީ 20،000ރ. 

  • ކައުންސިލް މެންބަރުންނަށް 23،000ރ. ލިބޭނެ؛ މިހާރު ލިބެނީ 18،000ރ.

މި ބަދަލު ގެންނަން ނިންމުމާއެކު ސަރުކާރަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިދިޔަ ހޯމަ ދުވަހު ހުށަހެޅި އެވެ. ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށާއި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް