ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހީނާގެ / ނ. ހޮޅުދޫ، އަލީ އްއްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުހައްމަދު ހަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ހައްސާނު އަލީ (34އ) ކަމަށެވެ.
މި ތިންމީހުންގެ ތެރެއިން ހައްސާނު އަލީ ހައްޔަރުކޮށްފައިވަނީ މިދިޔަމަހުގެ 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ.
މި މަހުގެ 25ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫއިންކަމަށާއި ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ޖަހާދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
އަލީ އައްފާންއާއި، މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެ އެވެ.
މި މަހުގެ 24 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫއިން ކޯޓު އަމުރެއްގެދަށުންކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.