ads
އެލްޖީއޭ - ފޮޓޯ: އެޓޯލް ޓައިމްސް
އެލްޖީއޭގެ ބޯޑު އިންތިހާބު ޕީއެންސީން ކާމިޔާބުކޮށްފި
ރަށު ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ ރައީސުންގެ ގޮނޑި ޕީއެންސީއަށް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.
Advertisement

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދިޔަ އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން މިއަދު ބޭއްވި ދެ އިންތިހާބުވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީންނެވެ. އެ ޕާޓީން ވަނީ ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަގާމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމު ކާމިޔާބުކޮށްފަ އެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން ވާދަކުރައްވަނީ ޕީއެންސީއަށް ނިސްބަތްވާ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އަދި އެމްޑީޕީއަށް ނިސްބަތްވާ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ. އަލީ އަހުމަދަށް 312 ވޯޓު ލިބުނުއިރު ޒާފިރުއަށް ލިބުނީ 229 ވޯޓެވެ. 

މީގެއިތުރުން ޑަބްލިއުޑީސީ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް ވާދަކުރައްވަނީ އެމްޑީޕީއަށް ނިސްބަތްވާ ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔިޔަމް ނީނާ އަދި ޕީއެންސީއަށް ނިސްބަތްވާ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އެވެ. ޒީނާ އަށް 79 ވޯޓު ލިބުނުއިރު ނީނާއަށް ލިބުނީ 53 ވޯޓެވެ. 

މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

މި ބޯޑަށް ސިޓީ ކައުންސިލުގެ ތެރެއިން އިންތިހާބުކުރަންޖެހޭ މަގާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެެވެ. އެހެންވެ، އެ މަގާމަށް އޭނާ ވަނީ ވޯޓަކާނުލާ އިންތިހާބުވެފަ އެވެ.  

އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކަށް، އާއިޝަތު އާރިފާ އަދި ގަވާނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކަށް މުހައްމަދު އާރިފް އައްޔަންކުރަން މިދިޔަ އޮގަސްޓް މަހު ވަނީ ފާސްކޮށްފަ އެވެ. 

މީގެއިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ އެ ބޯޑުގެ ރައީސް، ފިނޭންްސް މިނިސްޓަރު ހަސަން ޒަރީރު، ނައިބުރައީސް ފާތިމަތު ނިއުމާ، ސީއީއޯ މުހައްމަދު ނިމާލު، ބޯޑު މެންބަރު ފާތިމަތު ޒީނާ އަލީ، ބޯޑު މެންބަރު މުހައްމަދު އާޒާދު އަދި ބޯޑު މެންބަރު އަޒްހާ ޟަމީރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް