މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފަ އެވެ.
މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ހަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަޙައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ޢައްޔަނުކުރައްވާފައިވަނީ
1. އަހްމަދު ޝާކިރު (ނ.ދ.ޝ.ޢ)
2. އަބްދުލްއަޒީޒް ޔޫސުފް
3. ޑރ. އާމިނަތު ޝާފިޔާ އާދަމް
4. ޑރ. އަބްދުލްމުހްސިން މުހައްމަދު
5. ޑެޕިޔުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިޤް
6. އަހްމަދު އަލީމަނިކު
7. ފާތިމަތު މިންހަތު އިއްޒަތު އެވެ.
މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ އަހްމަދު ޝާކިރު އެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ:
(ހ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުލޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިހުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުން
(ށ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުލޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިހުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުން
(ނ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުލޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިހުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުގެ ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުން؛
(ރ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލައިގައްޔާއި، އެ މައްސަލައިގެ މައުލޫއާ ގުޅުންހުރި ވަށައިގެންވި އެންމެހައި ކަންކަމުގައި، ލިޔެކިޔުންތައް ބަލަހައްޓައި، ރައްކައުކުރެވިފައިވާ ގޮތް ބަލައި ތަހުގީގުކުރުން
(ބ) "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުލޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުން
(ޅ) ކޮމިޝަނުގެ ތަޙުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުން.
މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާވަނީ ކަނޑައަޅުއްވާފަ އެވެ.