ބީއެމްއެލްއިން މިއަދު ބުނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ލިބޭނެ ކަމަށެވެ. މި ހިދުމަތާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ އެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ވަގުތެއްގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެ ކަމަށެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކަށް ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރު ފައިސާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.