ads
އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފެށުން
އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފަށައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދެ އަހަރުގެ ވެރިކަމާ މެދު ރައްޔިތުން ގޮތް ނިންމާ މިޑްޓާމް އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
Advertisement

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ކޮންގްރެސްގެ ދެ ގޭގެ މެޖޯރިޓީ ހޯދުމުގައެވެ. އެގޮތުން ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުންނަށް ލިބެން އޮތީ އިތުރު ތިން ގޮނޑި ކާމިޔާބުކުރެވިގެންނެވެ. ސެނެޓްގެ ކޮންޓްރޯލް ހޯދުމަށް ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑި ބޭނުންވެ އެވެ.

އިންތިހާބުގެއެންމެ ފަހުގެ ސާވޭތަކާއި ލަފާކުރުންތަކަށް ބަލާއިރު، މި ފަހަރު ޑިމޮކްރެޓުންނަށް ބޮޑު ކާމިޔާބީއެއް ލިބުމުގެ ފުރުސަތު ބޮޑެވެ. ނޭޓް ސިލްވާގެ ފޯކާސްޓް މޮޑެލްއާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ސެނެޓްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބޭނެކަމުގެ 82 އިން ސައްތަ ފުރުސަތު އެބައޮތް އިރު އަދި ހައުސްގެ މެޖޯރިޓީ ވެސް ޑިމޮކްރެޓުން ހޯދާނެ ކަމަށްބޮޑަށް ލަފާކޮށްފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުން އެންމެ ބޮޑަށް ބަލާފައިވަނީ ދިރިއުޅުމުގެ ހަރަދުތަކާއި، އިންފްލޭޝަން އަދި ހިޖުރަކުރުމުގެ މައްސަލަތަކަށެވެ. އިންތިހާބުގެ ރަސްމީ ވޯޓުލުން މިއަދު ފެށުނު އިރު، ކުރިން ވޯޓުލުމުގެ ފުރުސަތުގައި (އާލީ ވޯޓިން) ގައި ވެސް 50 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފަ އެވެ.

މި އިންތިހާބާ ދިމާކޮށް ޓްރަމްޕްގެ ޖަސްޓިސް ޑިޕާޓްމަންޓުން އެލަސްކާ އަދި ކެލިފޯނިއާގެ ވޯޓުލުމުގެ ކަންކަމަށް ގާނޫނީ ގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ސަރުކާރުގެ އެ އެދުމަށް ދެކޮޅު ހަދާފައެވެ. އިންތިޚާބުން ބަލިވެއްޖެނަމަ ނަތީޖާ ގަބޫލުނުކޮށް ޓްރަމްޕް ހަމަނުޖެހުން އުފައްދަވަން މަސައްކަތް ކުރައްވާފާނެ ކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ހަރަދު ބޮޑު މިޑްޓާމް އިންތިހާބަށް ވާނެ ކަމަށް ބެލެވިފައިވާއިރު، ކެމްޕޭނުތަކަށް އެކަނި ވެސް 12 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް