އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހެލްތް މިނިސްޓަރުންގެ އަށްވަނަ ބައްދަލުވުން 2021 ގައި ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

Advertisement
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހެލްތް މިނިސްޓަރުންގެ އަށްވަނަ ބައްދަލުވުން 2021 ގައި ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.
އެ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށް ދިޔަ އޯއައިސީގެ ހަތްވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެންޓިވެކްސިން ކެމްޕެއިންއާ ގުޅިގެން މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ގައުމުތަކުގެ ސަމާލުކަމަށް އެކަން ގެނެސް އެކަމަށް ހައްލު ހޯދުމަށް ހުރިހާ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާދެއްވާފައި ވެއެވެ.
އެ ބައްދަލުވުމުގައި އޯއައިސީ މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
އެ ބައްދަލުވުމުގެ މަގުސަދަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިއާރުގެ ދަށުން އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމެވެ.
އޭގެ އިތުރުން އެ ކޮންފަރެންސް މެދުވެރިކޮށް އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅުން ވެސް ހިމެނެ އެވެ.
އޯއައިސީގެ ހަވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަސް އޮފް ހެލްތު މީގެ ކުރިން ބޭއްވިފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ.