މި މައްސަލައާ ގުޅިގެން ޒިހާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށްވާއިރު، އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. ނަމަވެސް އޭނާ އިތުރު 14 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޒިހާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބެއް ނެތް ކަމަށާއި، އެ ތަންތަނުގައި ރޯކޮށްލުމަކީ "މަޖާ" ކަމަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، 10-15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން މިދިޔަ ސަރުކާރުގައި ޒިހާން ދިޔައީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތް ކުރަމުންނެވެ. އޭނާ އެމްއެންޑީއެފްއިން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންދިނެވެ. ނަމަވެސް ފަހުން ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ފުލުހުން އިތުރަށް ބުނީ، ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދިނުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހިންގާ މިފަދަ ކަންކަން އެ އިދާރާއިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.