މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯއިން ހިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ.
މިއަދު ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަޒުވަރު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އަޒުވަރު ވަނީ ދެއްވާފައެވެ.
މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ.
މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ފެނަކައިން ހިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.