އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާލުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީވެސް އެކަށީގެންވާކަމެއްކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެހެންކަމުންް އެންމަ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ށ. ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި އެރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ގެއްލުންވެފައިވާއިރު ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ދިޔަ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން އިއްޔެ ކުރި އްސާރައިގައި ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ރަށު ތެރޭގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.