އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ހިންގާ މި މަޝްރޫއުގެ ދަށުން ގާއިމުކުރަނީ 14 ކޮޓަރީގެ ޖާގައެކެވެ. މިއީ ހާލަތަށް ބަލައި ޕްރައިވެޓް ރޫމްތަކެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހިމެނޭހެން ބަދަލުކުރެވޭ ކަރަންޓީނު ފެސިލިޓީއެއްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުވަރީ މަހުއެވެ.
އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ފާއިޒްއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ، މި ފެސިލިޓީ ނިމުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މިހާރު 76 އެނދުގެ ޖާގައެއް އޮތް ނަމަވެސް، އާ އިމާރާތާއެކު އެނދުގެ އަދަދު އިތުރުވެގެންދާނެ އެވެ.
ޓަރޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލުން މަހަކު 12،000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުންދާއިރު، އެތަނުގައި ކެތްލެބްގެ ހިދުމަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި މި އަހަރުގެ މާޗް މަހު އެ ހޮސްޕިޓަލުގެ ޑައިލަސިސް ޔުނިޓުގެ ޖާގަ ވަނީ 14 އެނދަށް ބޮޑުކޮށްފަ އެވެ.