ޖަރުމަނުގެ "ފްރެއި ޔުނިވަރސިޓީ ބާލިން" އިން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ 2010 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ދުނިޔެއަށް ކުރިމަތިވި ބޮޑެތި ހޫނުގަދަ ދުވަސްވަރުތައް (ހީޓްވޭވްސް) ތަޙުލީލުކުރުމަށްފަހު އެކުލަވާލާފައިވާ ދިރާސާއެކެވެ.
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ކުރިމަތިވާނެ ހޫނުގަދަވުމުގެ ހާދިސާތައް، ތާރީޚީ ގޮތުން ކުރިން ފެނިފައިވާ އެންމެ މަތީ މިންވަރުތަކަށްވުރެ މާ މައްޗަށް ދާނެއެވެ. ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާއިރު، މާޒީގެ ރެކޯޑުތަކަށްވުރެ ކުރިއަށް އޮތް ހޫނުގަދަ ދުވަސްތަކުގެ ނުރައްކާތެރިކަން މާ ބޮޑުވެގެންދާނެ ކަމަށް ސައިންސްވެރިން ވަނީ އިންޒާރުދީފަ އެވެ.
މި ދިރާސާގައި ސައިންސްވެރިން ޚާއްޞަ ބާރެއް ދީގެން ފާހަގަކޮށްފައިވަނީ، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމާއެކު، އައްސޭރިފަށުގެ ސަރަޙައްދުތަކަށާއި އިސްތިވާޢީ (ޓްރޮޕިކަލް) ސަރަޙައްދުތަކަށް ކުރިން ތަޖުރިބާކޮށްފައި ނުވާފަދަ ބޮޑު ހޫނުގަދަވުމުގެ ނުރައްކަލަކާ (ހީޓް ސްޓްރެސް) ކުރިމަތިލާންޖެހޭނެ ކަމެވެ.
2010 އިން 2023 އަށް ކުރިމަތިވި ބޮޑެތި ހޫނުގަދަ ދުވަސްވަރުތަކުގެ މަޢުލޫމާތު ތަޙުލީލުކޮށް ތައްޔާރުކުރި މި ދިރާސާއިން އެނގޭ ގޮތުގައި، ދުނިޔެ ހޫނުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ފެންނާނެ ހޫނުގަދަ ހާދިސާތަކުގެ ނުރައްކާ މާ މަތިވާނެ އެވެ.