
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަރވިއު ދިން މައްސަލަ ތަޙްޤީޤުކޮށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުއްވުމަށް ނިންމެވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ، ރައީސް، ނަޝީދު، ކީރިތި ރަސޫލާއާމެދު އިހާނެތި ބަސްބުނެފައިވާކަމުގެ ދޮގު އިލްޒާމް އަޅުވައި، ރ. އަނގޮޅިތީމު ޖީޒާގޭ އަލީ އިބްރާހީމް ދައްކާފައިވާ ދޮގު އިލްޒާމުތައް ތަޙްޤީޤުކޮށް، އޭނާއާއި އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާމެދު ޖިނާއީ ދައުވާ ކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް އެދިވަޑައިގެން، ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމަށް ފުލުހުންނަށް މައްސަލައެއް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފިކަމަށެވެ.
ރަމަލޯން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައިކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާކަމަށް ވެސް މަޖިލީހުން ބުނެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ހުށަހަޅަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (5) ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާހީމް ދައްކާފައިވާ ވާހަކައަކީ މިފަދަ ކުށަކަށްވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.