
ތަރައްގީކޮށް ނިމެން ކައިރިވެފައި އޮތް ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ތިއްބަވާ ގުރޫޕެއްގައި ނަޝީދު އެހެން ވިދާޅުވީ، އިންޑިއާގެ އަދާނީ ގުރޫޕަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކުރައްވާފައި ވަނިކޮށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްވެސް ޓާމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެމްއޭސީއެލްއިން ވެސް ވަނީ ބުނެފަ އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި، އެންމެ ބުއްދިވެރިވާނީ ޕްރައިވެޓް ސެކްޓާއިން އެއާޕޯޓާއި އެހެން ވިޔަފާރިތައް ވެސް ހިންގުން ކަމަށެވެ. އަދި އެ ޕްރައިވެޓް ސެކްޓާއަކީ ދިވެހި ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ، ހުޅުވާލާފައިވާ ބީލަމަކުން ސަރުކާރަށް އެންމެ ފައިދާ ބޮޑު ބައެއް ހޯދައިގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވެރިކަމުގައި 2010ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކުރިއެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 27 ނޮވެމްބަރު، 2012 ގައެވެ. އެ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) 15 ނޮވެމްބަރު 2016 ގައި ޔާމީންގެ ސަރުކާރުން ދައްކައި ހަލާސްކުރި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.