މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޝޭހް އެމްޑީ މަސުމް ލަތީފް ނަމަކަށް ކިޔާ 21 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާއަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހެކެވެ. އަދި އޭނާ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށުން ފުރުވާލަން އެއާޕޯޓަށް ގެންދިއުމުން އޭނާގެ ޕާސްޕޯޓް ވަނީ ވީދާލާފަ އެވެ. މީގެއިތުރުން، އޭނާ އަނބުރާ އިމިގްރޭޝަންގެ ހޯލްޑިން ސެލްގައި ބަންދުކުރުމުން އެތަނުގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.
އޭނާ ބަންދުކުރުމަށްފަހު އަމަލުތައް ހުރިގޮތުން ނަފްސާނީ ބަލިމަޑުކަމެއް ހުރި ކަމަށް ބެލެވިގެން ނަފްސާނީ އެސެސްމެންޓެއް ހަދާފައިވާ ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، އެ އެސެސްމެންޓް ރިޕޯޓަށް ބަލާއިރު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް، ތަހުގީގު ހިންގައި ދައުވާ ކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.