ads
ކައްވަޅުގެ ކަސްތަޅު 7
އެޕިސޯޑް 07
Advertisement

ބުނާނެ އެއްޗެއް ނޭގުނެވެ. ގެންނާނެ ހަރަކާތެއް ނުވިސްނުނެވެ.

އޭނާގެ ވަށައިގެން ދުނިޔެ އެނބުރިގަތްހެން ހީވި އެވެ.

އަންތަރީސް ވެފައި އަސްނާއަށް ބަލައިލެވުނީ އައިމާގެ ދެ ލޮލަށެވެ. 

އޭނާ ކުރި ސުވާލުގެ ހާސްކަން ދެ ލޮލުން ނުފެނުނީ ކީއްވެ ހެއްޔެވެ؟ 

އާދައިގެ މަތީން ހިނިތުންވެފައި  އައިމާ ދެ ބުމަ މައްޗަށް ހިއްލާލި އެވެ. 

ކަމެއް ގޯސްވި ކަމުގެ ނިޝާނެއް ނެތެވެ.

'ކަޝިޝް'ގެ ނަން އިވުނަސް އައިމާއަށް ބަދަލެއް ނައެވެ. 

އެ ނަމަކީ އައިމާ އާއި ގުޅުން ހުރި ނަމެއް ކަމަށްވެސް އޭނާ ނުހެދި އެވެ. 

އައިމާ ނުދަންނަ ކުއްޖަކު، އޭނާ ހަދައިގެން އުޅޭ ގުރޫޕެއްގައި އިންނާނެ ކަމަށް އަސްނާގެ ޒަމީރު ގަބޫލެއް ނުކުރެ އެވެ.

"ނޭނގޭ ކަމަށް ހަދަނީ ދޯ..؟"އަސްނާގެ ޖުމުލަ ދުލުން ބޭރުވީ ވައި އަޑުންނެވެ.

އައިމާގެ ތަފާތެއް ނުވި މިޒާޖާއި އޭނާގެ ހަރަކާތްތައް އަސްނާއަށް ބަލައެއް ނުގަނެވުނެވެ. 

"ނޫން.. ދޮގު ހަދަންވީ ކީއްކުރަން؟ ތި ނަން ކިޔާ ކުއްޖެއް، އަހަރެން ނުދަންނަން..!" އައިމާ ހޭން ފެށި އެވެ.

"އެއީ އަސްނާގެ ކުރީން އުޅުނު ސްކޫލުގެ ރައްޓެއްސެއްތަ؟ ނޫނީ އޭރުގެ ކްލާސް ކުއްޖެއްތަ؟" ހިނިގަނޑު ތެރެއިން އައިމާ ސުވާލު ކުރި އެވެ.

އެ ސުވާލާއި، އެ ވިސްނުމާއި، އެ ނިންމުމަށް އެއްޗެއް ބުނަން އަސްނާ ބޭނުމެއް ނުވި އެވެ. 

ޑެސްކުގެ ދަށުގައި އޮތް އޭނާގެ ދެ އަތް މުށްކަވައި ލެވުނީ  އަތުގެ ލޭނާރުތައް ފައުޅުވާ މިންވަރަށް ބާރަށެވެ.

ހަމަ އެ ވަގުތެވެ.

ބޭރުން ކުޑަދޮރާއި ދާދި ގާތަށް އޮތް އަފިގަނޑަށް އެ ޖެހިގަތީ ކުރީ ދުވަހުވެސް އެ ތަނަށް އައި ކަޅުކުލަގަދަ، ކާޅެވެ. 

ހީލަތްތެރި ބެލުމަކުން އަސްނާއަށް ކާޅު ބަލައިލި އެވެ.

އެ ސޮރު، އެސްފިޔަ ނުޖަހާކަން ޔަގީނެވެ.

ދުވަހުގެ ދެވަނަ ގަޑި އަދި ނުފެށެ އެވެ. 

ކުލާހުގައި އިނުމަކީ މިއަދު އަސްނާއަށް އުނދަގޫ ކަމެކެވެ.

ކުލާހުގެ އެންމެ ފުރަތަމަ ގޮނޑިބަރީގެ ކުރިމަތީގައި ހުރެގެން ޓީޗަރ ކިޔަވައިދެމުން ދިޔައީ ކެމިކަލްއާއި ގުޅުން ހުރި ފިލާވަޅެކެވެ. އަސްނާގެ ދެ ލޯ އަމާޒުވެފައި ވަނީ ޑެސްކްގެ ދަށުގައި އޭނާ ހިފހައްޓައިގެން އިން ފޯނުގެ ސްކްރީން އަށެވެ.

އެކުދިންގެ ރަސްމީ 'އެޕް' ހުޅުވައިލި އެވެ.

ރޭގެ 'ޗެޓް ލޮގް'އަށް އަސްނާ ވަދެއްޖެ އެވެ.

'ފަސް' މެންބަރުން އޮފްލައިން އެވެ.

އެ އަދަދު އޭނާގެ ހިތަށް ތޫފާނެއް ގެނުވައިފި އެވެ.

ތަފުސީލު ބަލަން މަޖުބޫރު ވުމުން، ގްރޫޕުގެ މައުލޫމާތު ހިމެނޭ ބައިގައި އަސްނާ އިނގިލި ޖައްސައިލާ ހުޅުވައިލި އެވެ.

އިހުތިޔާރަކާއި ނުލައި ދެ ލޯ ބޮޑުވެއްޖެ އެވެ. ނުހަނު ބާރަށް މޭގައި ވިންދު ޖަހައިފި އެވެ.

ހިތުގައި އޮބި އަޅައި، ނިއްކުރީގައި ބަރު ހަތިޔާރަކުން މީހަކު ޖެހިޔަސް އެހައި ތަދު ނުވާނެ އެވެ.

މެންބަރުން:

މާކިން 

ރާނިއާ

ސާމިރާ

އައިމާ 

އަސްނާ

އިތުރު މެންބަރަކު ނެތެވެ.

ކަޝިޝްގެ ލިސާނެއްވެސް ނެތެވެ.

ގުރޫޕުން އޭނާ ނިކުމެފައެއްވެސް ނެތެވެ. އެހެން މީހަކު އޭނާ 'ރިމޫވް' ކޮށްފައެއްވެސް ނެތެވެ.

ފެންނަ ފެނުމަށް މި ތަނުގައި އޭނާ ވުޖޫދުވެފައިވެސް ނުވެ އެވެ.

އަސްނާގެ ކަރު ބެދިއްޖެ އެވެ. 

އަވަސް އަވަހަށް މުޅި ޗެޓް ލޮގްގެ 'ހިސްޓްރީ' ސްކްރޯލް ކުރަން ފަށައިފި އެވެ. އަތުގެ އިނގިލިތައް ތުރުތުރުލާން ފަށައިފި އެވެ.

ކަޝިޝް ލިޔުނު އެންމެ މެސެޖެއްވެސް އެތަނުގައި ފެންނާކަށް ނެތެވެ.

މުޅި ރޭގެ މެސެޖްތަކުގެ ދިގުމިން ބަދަލުވެފައި އެވެ.

އަސްނާއަށް ސިފަކުރެވުނީ، ހަށިގަނޑަށް ބޮޑުކޮށް ފަހާފައި އޮތް ހެދުމެއް، މޮޅު ފެހުންތެރިޔަކު އަލުން ކަފައި ކުދިކޮށް މުޅިން އައު މިނަކަށް ހެޔޮވަރު ކޮށްފައިވާހެނެވެ. ކޮށްފައިވާ މަސައްކަތް ފުރިހަމަ އެވެ.

ދެ ފޮޅުވަތް ދެމެދުގައި ދުރުކަމެއް ނެތެވެ. ދެމީހެއްގެ ވާހަކައިގެ ދެމެދުގައި 'ބައެއް' އުނިވާކަމުގެ ނިޝާނެއްވެސް ނެތެވެ. 'ޑިލީޓް' ކޮށްފައެއްވެސް ނެތެވެ. ހުރިހައި ގޮތަކަށް ފުރިހަމަ 'ޓައިމް ލައިނެކެވެ' ހިނދުކޮޅަކަށްވެސް މި ތަނުގައި 'ކަޝިޝް'ކިޔާ އެއްވެސް ނަފުސެއްގެ ބައިވެރިވުމެއް ނެތެވެ.

އަސްނާ އާއި ދާދި ގާތުގައި އައިމާ އިނެވެ.

ތަފާތު ނަޒަރަކުން އަސްނާއަށް ބަލައިލި އެވެ.

'ކަޝިޝް'އަކީ ކާކު؟

'ކަޝިޝްގެ މަތިން ހަގީގަތުގައިވެސް އައިމާ ހަނދާން ނެތުނީ ހެއްޔެވެ؟ އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ އެ ގްރޫޕަށް މީހުން 'އެޑް'ކުރަނީ އައިމާ އެވެ. މުޅި ރޭ ކަޝިޝް އާއި ވާހަކަދެއްކީވެސް އައިމާ ނޫން ހެއްޔެވެ؟'

ސިކުނޑިތެރޭގައި ކިތަންމެ ބާރަށް ސުވާލުތައް އުދުހިގަތަސް، އަޑުވީއްލާ އެންމެ ލަފްޒެއްވެސް ނުނިކުތެވެ. 

އިހްތިޔާރެއް ނެތި އަސްނާގެ އިނގިލިން ފޯނުގެ ސްކްރީންގައި ފިރުމައިލެވުނެވެ. ގެއްލިފައި އިދެވުނު ހިޔާލުގެ ކަނޑުން ފުންމިނެއް ނޭގެ އެވެ. 

ހަދަންވީ ގޮތެއް ޔަގީނެއް ނުކުރެވުނެވެ. 'ޕްރައިވެޓް މެސެޖް' ލިސްޓު އަސްނާ ހުޅުވައިލި އެވެ. 

ފަހަރެއްގައި ކޮންމެވެސް އެއްޗެއް ކަޝިޝް ބުނެފައި އޮވެދާނެތީ އެވެ.

އެކަމަކު... 

ނެތެވެ! 

ކަޝިޝްގެ ލިސާނެއްވެސް ނެތެވެ.

އޭނާ އާއި ގުޅުން ހުރި ހަމަ އެއްވެސް ކަމެއް އަސްނާގެ ފޯނުގެ އެއްވެސް ފޯލްޑަރއެއްގައި ނެތެވެ. ކުޑަމިނުން 'ކޮންޓެކްޓް' ލިސްޓުގައިވެސް ނެތެވެ.

ސިކުނޑި ހަލަބޮލި ވެއްޖެ އެވެ.

ހަގީގަތެއް ނުވާ ކަންތައްތަކެއް ހިޔާލުކުރެވި އަމިއްލަ ދުނިޔެއެއް އޭނާއަށް ބިނާކުރެވެން ފެށީ ހެއްޔެވެ؟

ކަޝިޝްގެ ޓައިޕް ކުރުމުގެ ވައްޓަފާޅި އާއި ޖެހިލުމެއް ނެތި، ކޮންމެ އެއްޗެއް ކޮންމެ މީހަކާ ދިމާއަށް ބުނެލާ ގޮތް އަސްނާގެ ނިއްކުރީގައި އެނބުރެމުން ދިޔަ އެވެ. ކަޝިޝް އަކީ އެހެން މީހެއްގެ އިހްސާސަކަށް ނުވަތަ އެހެން މީހަކު ބުނެފާނެ އެއްޗަކަށް ފަރުވާލެއް ބަހައްޓާ ކުއްޖެއް ނޫނެވެ. މެންދަމާއި އަނދިރިކަމުގެ ވަގުތުތަކުގައި އެހެން މީހުންނަށް އޭނާގެ ރޫހާނީ ބާރުވެރިކަން ދައްކާލާނެ ގޮތްތައް ބުނަމުންދިޔައީ ޖޯކެއްގެ ގޮތުގައި ހެއްޔެވެ؟ ނޫނީ އެއީ ހަމައެކަނި އަސްނާއަށް ހީވި ގޮތެއް ހެއްޔެވެ؟ ހަގީގަތަކީ ކޮބައިބާ އެވެ؟

އަތުގެ ތެރޭގައި ނުހަނު ބާރަށް ފޯނު ހިފަހައްޓައި ފިއްތާލި އެވެ. ދެ ލޯ މަރައިލާފައި ފުން ނޭވާއެއް ލި އެވެ.

".... އޭނާގެ މަތިން އަހަރެން ހަނދާން އެބަހުއްޓެވެ!" އަމިއްލަ ނަފުސާއި މުހާތަބުކޮށް ބުނެލި އެވެ.

ފޯނުގެ ސްކްރީނަށް އައި ބަދަލާއި ވަކި 'ރޮނގުތަކެއް' ރޫރޫއަޅައި ކަޅާއިހުދުގެ ބޮކިތަކެއްހެން ދިއްލުނެވެ. ލޯމަތީން ގެއްލިގެން ދިޔަ އެ ހާދިސާއަކީ ނުވާކަމެއް ކަމަށް އަސްނާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟

ޔަގީނުންވެސް ކަޝިޝް ނެތްކަމުގެ އިހްސާސް ކުރާނެ މީހަކު މި ދުނިޔޭގައި ދާއިމް ވެއްޖެ އެވެ.

އެއީ އެހެން އެއްވެސް މީހަކަށް ނޭގެ ސިއްރެއްގެ ގޮތުގައި އެވެ.

އަޑުގަދަ ރަނގަބީލާއެކު އެ އިވުނީ ސްކޫލް މިއަދަށް ނިންމާލި އަޑެވެ. ތަފާތެއް ނެތެވެ.

ކުއްލިޔަކަށް ގޮނޑިތައް ދުރުކޮށް ކުދިން ތެދުވެއްޖެ އެވެ. 

ދަބަސްތަކުގެ ޒިޕްތައް ބަންދު ކުރާ އަޑު ކްލާސްތެރޭގައި ގުގުމާލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް