ads
ރިވެލި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އެޗްޑީސީ
އެސްއޯއީތަކުގެ ތެރެއިން "ރިވެލި އެވޯޑު" އެޗްޑީސީއަށް
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން ދޭ "ރިވެލި އެވޯޑު" ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
Advertisement

މި އެވޯޑު އެ ކޯޕަރޭޝަނަށް ލިބުނީ އެންމެން ޝާމިލުކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ގައުމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުންނެވެ.

އެޗްޑީސީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ތަމްރީނުތައް ފަހިކޮށްދީ، ހަމަހަމަކަމާއި އޯގާތެރިކަމާ އެކު އެންމެންނަށް ޝާމިލުވެވޭނެ މާހައުލެއް ވަޒީފާގެ ދާއިރާގައި ގާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، މިހާތަނަށްވެސް އެ ކޯޕަރޭޝަންގެ އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން އަންނަނީ ޚިދުމަތްކުރަމުންނެވެ.

މީގެ އިތުރުން، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ޝާމިލުކުރުމަށް "ޕީޑަބްލިޔުޑީ އެމްބެސެޑަރުން"ގެ ގޮތުގައި ދެ މުވައްޒަފަކު އައްޔަންކޮށް، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ވަޒީފާގެ ވެއްޓާއި އޮފީސް އިމާރާތް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޒަމާނީ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ޚާއްސަކޮށް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ފަސޭހައިން ސަމާލުވެވޭނެ ސަލާމަތީ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

އޮފީހުގެ މާހައުލުގެ އިތުރުން، ހުޅުމާލޭގެ މާސްޓަރ ޕްލޭނާއި ތަރައްގީގެ އެކި މަޝްރޫއުތައް އެކުލަވައިލުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ބޭނުންތަކަށް ފުރިހަމައަށް ރިއާޔަތްކުރާ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީން ބުނީ މި ޝަރަފުވެރި އެވޯޑު ލިބުމަކީ، އެންމެންގެ ބައިވެރިވުން އެކުލެވޭ، ހިތްފަސޭހަ އަދި ލާމެހިފައިވާ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން އަރުވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް