ރަސްމާލެއިން 500 ހެކްޓަރު 99 އަހަރަށް އަބޫދާގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެތަނުގައި ހިންގަން 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮިއކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21ގައެވެ.
މި މަޝްރޫއުވެސް ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއް ސަރުކާރުން މިއަދު ވަނީ މަޖިލިހަށް ހުށައަޅާފައެވެ. އެ ބިލް މަޖިލިހަށް ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ.
އިޒްރާއީލް މީހުންނަށް ބިމެއް ނުގަނެވޭނެ، ގަންފިނަމަ އަތުލާނަން
މި ބިލުގައިވާ ގޮތުން އިމިގްރޭޝަން ގާނޫނުގެ ދަށުން ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގެ ދަށުން ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެންނެތް ގައުމަކަށް ނިސްބަތްވާ ފަރާތަކަށް، އެ ގައުމެއްގެ ރައްޔިތަކަށް، ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަހުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ޒޯނެއްގައިވާ މުދަލެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެކަމަށް ވަނީ ހިމަނާފަ އެވެ. އަދި ޒޯނެއްގައި ބިމެއް ސަބްލީސް ވެސް ނުކުރެވޭނެއެވެ. އެހްންކަމުން މި މައްދާގެ ދަށުން އިޒްރާއީލްގެ ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ރަސްމާލެއިން ބިމެއް ނުގަނެވޭނެ އެވެ.
އިމިގްރޭޝަން ގާނޫނު ދަށުން އިޒްރާއީލް މީހަކަށް ރާއްޖެއަކަށް ނުވަދެވޭނެ
އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުން މިއަދު ހުށައެޅި އިސްލާހުގައިވަނީ އިޒްރާއީލް ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް އެއްވެސް ގޮތަކަށް ރާއްޖެއަށް ނުވަދަވޭނެ އެވެ. މިހާތަނަށް އޮތީ ގާޒާގައި ހިނގަމުން އަންނަ ގަތުލު އާއްމުގެ ހާލަތު ބަދަލުވަންދެންނެވެ.
ބަނގުރާ ވިއްކުމާއި، ޖުވާ ކުޅުމާއި އޫރުމަސް ވިއްކުންވެސް މަނާ
ސަރުކާރުން މިއަދު މަޖިލިހަށް ހުށައެޅި ބިލުގައި ވަނީ ރަސްމާލެ މަޝްރޫއުގައި ފަތުރުވެރިންނަށް ދޫކުރާ ސަރަހައްދުގައި ހިނގާނީ އަދި ހުއްދަ ދޫކުރާނީވެސް ރާއްޖޭގައި އަމަލުކުރަމުންދާ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން އާއްމުން ދިރިއުޅޭ ރަށްތަކުގައި އޮންނަ އުސޫލުން ރަސްމާލޭގެ ވެސް ފަތުރުވެރިކަން ހިންގާ ސަރަހައްދުތަކުގައި ރުލާ އޫރު މަސް ވިއްކުން މަނާ ވާނެއެވެ. އަދި އެ ސަރަހައްދުގައި ޖުވާ ކުޅުންމަކީވެސް މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައިވެއެވެ.
ދިވެހި ސަލާމަތީ ބާރުތަކުގެ ބާރު ހިނގާނެ
ސަރުކާރުން ހުށައެޅި ބިލުިގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއުގެ ހިންގާ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން
ބަލަހައްޓާނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުންކަމަށެވެ.
އެގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކަށް ދައުލަތުގެ އިދާރާތަކުން ހިދުމަތް ފޯރުކޮށް ދިނުމަށާއި ޤާނޫނުތައް ހިންގައި ތަންފީޒުކުރުމުގެ. ބޭނުމަށާއި، ދައުލަތުގެ. ތަންފީޒީ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން، ދޭންޖެހޭ
ހިދުމަތްތައް- ފޯރުކޮށްދިނުމަށާއި، އެނޫންވެސް ދައުލަތުގެ ކަމާބެހޭ އިދާރާއެއްގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތައް ޒޯނެއްގައި ތިބެގެން ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެކަމަސްވެސް ގާނޫނުގައި ވަނީ ހިމަނާފަ އެވެ.