ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައިވާ އާންމުންގެ ހިދުމަތްތަކާއި އިދާރީ މަރުކަޒުތަކަށް އަމާޒުކޮށް، ހޫތީ ހަނގުރާމަވެރިން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ ގޮތުން ހިންގާ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ދެކޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިފަދަ އުދުވާނީ އަމަލުތަކުގެ ސަބަބުން އާންމުންގެ ފުރާނައަށް ނުރައްކާވުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ދިވެހި ސަރުކާރުގެ ބަޔާން ނިންމާލަމުން ބުނީ ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ސައޫދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައި ކަމަށެވެ. އަދި ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި، ސަލާމަތާއި، ރައްކާތެރިކަން ގާއިމުކުރުމަށާއި، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހިމާޔަތުގައި އެ ގައުމުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ބަޔާނުގައި ވަނީ ދީފަ އެވެ.
މި ހަމަލާގެ ޒިންމާ ޔަމަނުގެ ހޫތީން މިހާރު ވަނީ އުފުލައިފަ އެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައޫދީގެ އެކި ސަރަހައްދުތަކަށް ހަ ހަމަލާއެއް މިއަދު ފޮނުވާލާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ރިޔާޟްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ޚުރައިސްގައި ހުންނަ އަރަމްކޯގެ ފެސިލިޓީއެއްގެ އިތުރުން ޕަމްޕިން ސްޓޭޝަނަކަށް ދިން ހަމަލާތައް ހިމެނެ އެވެ.
ސައޫދީ ކޯލިޝަނުގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ މިއަދު ހެނދުނު ވިދާޅުވީ، ހޫތީ ހަނގުރާމަވެރިން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައިގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާ އެކު ވައްޓާލާފައިވާ ކަމަށެވެ. މި ހަމަލާތަކާ އެކު ސައޫދީގެ ވެރިރަށަށް ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. މި ހަމަލާ ދީފައިވަނީ، ހޫތީންގެ ކުރީގެ ހަމަލާތަކާ ގުޅިގެން ރިޔާޟްގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ފަހު، އަލުން އަނބުރާ ކްލާސްތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދޭން ފަށާނެކަން ސައޫދީ އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރިތާ ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
މިދިޔަ އޮކްޓޫބަރު މަހު އެ ވައިގެބަނދަރަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އަނެއްކޮޅުން، ސަނާއާ ކައިރިއަށް ސައޫދީން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 40 މީހުން މަރުވި ކަމަށް ހޫތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، މައްކާ ދިފާއީ އެއްބަސްވުމުގައި ހިމެނޭ ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާންގެ އިސް އޮފިޝަލުން ވަނީ އޮކްޓޫބަރު 26 ގައި އީރާންގެ ތެހެރާންގައި އެ ގައުމުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރަހައްދީ ސުލްހައާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ހަތަރު ގައުމުން ވަނީ އެއްބަސްވެފަ އެވެ. އަދި ބޭރުގެ އަސްކަރީ ބައިވެރިވުން ނުހިމެނޭ ގޮތަށް ސަރަހައްދީ ސަލާމަތީ އާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރިޔާޟްއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ތެހެރާންއިން ފަހުން ބުންޏެވެ.