ads
އޭދަފުށީގައި މިހާރު ފަށައިގެން ކުރިއަށް ގެންދާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމްގެ ބައިވެރިން ގުރޫޕް ފޮޓޯއަކަށް ހުއްޓިގެން.
"ގާލްސް ޓު ކޯޑް" ޕްރޮގްރާމް މިއަހަރު ބ. އޭދަފުށީގައި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ގާލްސް ޓު ކޯޑް' ޕްރޮގްރާމް މިއަހަރު ބ. އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
Advertisement

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ ދިރާގާ ގުޅިގެން މިއަހަރުގެ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް އޭދަފުށީގައި ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް ފޭލި ޖަމިއްޔާ، ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރު އަދި އޭދަފުށީ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

"ގާލްސް ޓު ކޯޑް" އަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް 2019 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ޒުވާން އަންހެނުން މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާފައިވާކަން ދިރާގުން ފާހަގަކުރެ އެވެ.

މި އަހަރުގެ އެޑިޝަން އޭދަފުށީގައި ކުރިއަށް ގެންދަނީ އޭއައި ހުނަރުތަކަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންވެ، މުގައްރަރަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.  

ހަތް ހަފުތާގެ މުއްދަތަށް "ހައިބްރިޑް" މޮޑެލްއަށް އޭދަފުށީގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި އަމަލީ ކުލާސްތަކާއި ވާޗުއަލް ސެލެކްޝަންތަކުގެ އިތުރުން މެންޓާޝިޕް ސެޝަންތައް ހިމެނެ އެވެ.

އޭދަފުށީގައި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ޑިޖިޓަލް ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.

"މިއަހަރުގެ ޕްރޮގްރާމްގައި އޭއައިއަށް ހާއްސަ ސަމާލުކަމެއް ދީފައިވާއިރު، މެންޓާޝިޕް އަދި ކެރިއާ ގައިޑެންސް ސެޝަންތަކުގެ ސަބަބުން ބައިވެރިންނަށް އަމަލީ މާހައުލުގައި ހުރި ފުރުސަތުތައް ފަހިވެގެންދާނެ. މި ޕްރޮގްރާމް އޭދަފުށީގައި ފަށައި ވިމެން އިންޓެކް މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ ދިރާގާ ގުޅިގެން މިއަހަރުގެ ގާލްސް ޓު ކޯޑް ޕްރޮގްރާމް ބ. އޭދަފުށްޓައް ގެނެވުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

"މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ފޭލި ޖަމިއްޔާ، ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރު އަދި އޭދަފުށީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހޫނު މަރުހަބާއަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން،" މިހްނާ ވިދާޅުވި އެވެ.


މިހްނާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން އިތުރު ޒުވާން އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވެ، ކޯޑިންގް އަދި އޭއައިގެ ހުނަރުތައް ވަރުގަދަކޮށް، އަދި ޑިޖިޓަލް ދާއިރާގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އައު އުފެއްދުންތައް ބިނާކުރާނެ ބަޔަކަށް ވުމުގެ އިތުބާރާއި ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އުމުރުން 15-35 އަހަރާ ދެމެދުގައި ކޯޑިންގެ ތަޖުރިބާ ނެތް އަންހެންކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ނިމޭއިރު، ބައިވެރިންނަށް އަމިއްލައަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓްތައް ތައްޔާރުކުރަން ދަސްވާނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރުން، ޓެކްނޮލޮޖީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް ބައިވެރިންނަށް ލިބޭނެ އެވެ.

އެ ޕްރޮގްރާމް މިހާތަނަށް މާލެ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. އަތޮޅު، ގދ. ތިނަދޫ އަދި ފުވައްމުލަކުގައި ވަނީ ބާއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް