ads
ފޮޓޯ: އެންވައިރަމަންޓް މިނިސްޓްރީ
ކާރިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާކުރަން އެއްބަސްވުމެއް
ކާރިސާތަކަށް މުޖުތަމައު އަހުލުވެރިކުރުވުމަށާއި ކުރިއާލައި އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ "ޓްރެކްޓް" (TRACT) ޕްރޮޖެކްޓުގެ ދަށުން ކަނޑައެޅިފައިވާ މުހިންމު ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަންފީޒު ކުރުމަށެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގައި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމާއި، އެފަދަ ހާދިސާތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. މީގެއިތުރުން، ރައްޔިތުންގެ ބައިވެރިވުމާއެކު އެކި ބާވަތުގެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީވެސް މި ފަހުމުނާމާގެ މުހިންމު ބޭނުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުން ރައްކާތެރިވުމަށް ރަށްރަށުގެ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަހަށް މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ސަރަހައްދީ ފެންވަރުގައާއި ގައުމީ ފެންވަރުގައިވެސް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. އެގޮތުން، ދެކުނު އޭޝިއާގެ 7 ގައުމެއްގައި ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ސައުތު އޭޝިއާ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (އެސްއޭޑީއާރުއާރު) ޕްރޮގްރާމް އިފްތިތާހުކުރުމަށް މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ކާރިސާގެ ނުރައްކާ މެނޭޖުކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން ހަރުދަނާކުރުމަށްޓަކައި "ޑިޒާސްޓަރ އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް" (ޑާލާ) ނިޒާމު މިދިޔަ އަހަރު ތައާރަފުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް