މިކަން ހާމަކޮށް މޯލްޑިވްސް ބްލަޑް ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޑިޖިޓަލް ކާޑު ތައާރަފުކުރީ ލޭގެ ބަލިތަކަށް ޚާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމްކުރުމަށްޓަކައި މަރުހަލާތަކަކަށް ބަހައިލައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. މި ބަދަލާއެކު، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ 7 ބާވަތެއްގެ ސިފަ ހިމެނޭ ގޮތަށް ޑިޖިޓަލް ކާޑު ލިބިގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އެމްބީއެސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ކާޑުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ކިއުއާރު (QR) ކޯޑެއް ހިމަނާފައިވާނެ ކަމަށާއި، އެ ކޯޑު މެދުވެރިކޮށް ތެލަސީމިއާ ކެރިއަރުންނަށް އާއިލާ ރޭވުމުގައި ބޭނުންވާ މުހިންމު އިރުޝާދުތަކާއި މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުވެސް މިކާޑުގެ ތެރެއިން ހަމަޖައްސައިފަވާކަމަށެވެ. މި ވަގުތު މި ޑިޖިޓަލް ކާޑު ލިބެން ހުންނާނީ ވަޓްސްއެޕާއި އީމެއިލް މެދުވެރިކޮށެވެ.
ރާއްޖޭގައި ތެލަސީމިއާގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް މިދިޔަ ފެބްރުވަރީ 8 ގައި ވަނީ ހުޅުވައިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވެފައިވަނީ، މި ލެބޯރެޓަރީގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންތަކުގެ ތެރެއިން 27 ބާވަތެއް ދެނެގަނެވި، ރާއްޖޭގައި އެ ތަހުލީލުތައް ފުރިހަމަކުރެވޭނެ ކަމަށެވެ.
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ އެޖެންސީގައި ރަޖިސްޓްރީވެފައިވާ ތެލަސީމިއާ ކުދިންނާއި މީހުންގެ އަދަދު މިހާރު ވަނީ 546 އަށް އަރައިފަ އެވެ.