ads
ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ:އެމްއޭސީއެލް
ރަސްމާލޭގެ މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ
ރަސްމާލޭގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
Advertisement

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރެއްވި އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު މި މަހުގެ 16 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަކި ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. ކޮންސަލްޓެންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި އެ މިނިސްޓްރީގައެވެ.

ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރެވެ. ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ބާރަށް ކުރިއަށްދާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާ އެންމެ ބޮޑު ބިމެވެ.

ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200,000 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ސަރަޙައްދުން ފަހިކޮށްދިނުމެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. އެގޮތުން ރަސްމާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ތިމާވެށީގެ މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެ ފަދަ އިންތިޒާމުތައް އެ ރަށުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި އެއްބަސްވުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު، މި މަޝްރޫޢަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށްޓަކައި ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް